ENGLISH
29 ޖޫން 2026
އެއާޕޯޓު ނުހުއްޓި ކުރިއަށްގެންދެވޭނީ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް އެކުގައި މަސައްކަތްކޮށްގެން: ސީއީއޯ ޝަރީފު
28 ޖޫން 2026
|
އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް އެއްވެސް ހާލަތެއްގައި މެދުނުކެނޑި ކުރިއަށްގެންދެވޭނީ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މި ފަހުމުނާމާތަކަކީ އެއާޕޯޓަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށް އެޅުނު މުހިއްމު އަދި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިފަހުމުނާމާތަކުގެ ސަބަބުން މި އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކަށައެޅި، ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ވީއައިއޭއަކީ އަބަދުވެސް ބަދަލުތައް އަންނަމުންދާ ތަނެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތްތަކަށް މެދުކެނޑުމެއް ނައިސް ކުރިއަށްގެންދެވޭނީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މެދުގައި އެއްބާރުލުންދެވި އެކީގައި މަސައްކަތްކުރެވިގެން ކަމަށެވެ. އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ އެންމެ އިދާރާއަކަށް އެކަނި ކުރެވިދާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި އިދާރާތަކުގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު ގޮތެއްގައި މުއާމަލާތްކުރެވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެކަން ފާހަގަކުރައްވަމުން، ސީއީއޯ ވިދާޅުވީ އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
އަދި މިފަދައިން ކުރެވޭ މަސައްކަތްތަކަކީ ފަސިންޖަރުންނާއި ވައިގެ އުދުހުންތަކުގެ ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި ވީއައިއޭއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލްއިން ދައުލަތުގެ ހުރިހާ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.