ENGLISH

28 ޖޫން 2026

Advertisement

ހުސެން ވަހީދަށް ތަރުޖަމާނުގެ ވަރުގަދަ ރައްދެއް: ރައީސް ވައްކަމެއް ނުކުރާނެ

28 ޖޫން 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ރައްދުދެއްވައިފިއެވެ. 

''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ އިއްޔެގެ ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ ހުސައިން ވަހީދު އެ ކުރައްވާ ތުހުމަތުތަކަށް އެ ވިދާޅުވާ ހުވަޔެއް ކުރަން ވަޑައިގަންނަވަންވީ ކަމަށާއި އޭރުން އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށެވެ.

" ހުސެއިން ވަހީދު ހިންގަވާ ހުވާކޮށްލަން، އަޅުގަނޑު ހުސެއިން ވަހީދު ކައިރީ ހުންނާނަމޭ،". އޭރު އޭނާއަކީ ރައީސް އޮފީހުގެ މިނިސްޓަރެއްކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވިއެވެ. 

ތަރުޖަމާނު ވިދާޅުވީ ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ހުސެއިން ވަހީދު ހިންގަވާށޭ ތި ހުވައެއް ކުރައްވަން، އޭރުން މުއައްސަސާތަކުން އެކަން ކުރިއަށް ގެންދާނެއޭ. ރައީސް މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން. ހުސެއިން ވަހީދުގެ ގޮތެއް ނޭނގެ،". ތަރުޖަމާނު ވިދާޅުވިއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ނޫމަޑި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރުއެވެ.

މިކަމާ ގުޅިގެން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ރައީސް މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރި އެވެ. ނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ރައީސް މުއިއްޒުގެ މައްޗަށް ސާބިތުނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު