ENGLISH
28 ޖޫން 2026
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް: ފެންވަރު މަތި، ކުދީންނަށް ބޮޑު އުފަލެއް
28 ޖޫން 2026
|
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައި --
އެންމެ މަޤްބޫލު
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތުގެ ތެރެއިން. ފޮޓޯ: ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް.
މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ޢުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި 12 އަހަރުން މައްޗެވެ. މި އަހަރުގެ މުބާރާތުގައި 50މ ދުވުން، 80މ ދުވުން، 100މ ދުވުން، 200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއީ އެސް-އޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބާވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް ވަނީ "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަލު ކޮށްފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތުގެ ވަނަ ވަނައަށް އައި ދަރިވަރުން އެ އެސޯސިއޭޝަނުގެ ޗެެއަރޕާސަން އިބްރާހިމް ރަމީޒާއެކު. ފޮޓޯ: ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް.
މި އަހަރުގެ މުބާރާތާއި ގުޅޭގޮތުން އެސް-އޯ މޯލްޑިވްސް ޗެއާޕާސަން އިބްރާހިމް ރަަމީޒު ވިދާޅުވީ މުބާރާތުގެ ފެންވަރު މަތިކޮށް ބޭއްވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑީވްސްއެތުލެޓިކްސް މުބާރާތްތައް ދާނީ އެހެން މިއަހަރުން ފެށީގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެ އޮތީ، މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ،" – އިބްރާހީމް ރަމީޒް ވިދާޅުވި އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތުގެ ތެރެއިން. ފޮޓޯ: ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް.
މުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވީ މެޑަލް ދިނުމުގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް މުސްޠަފާ މުޙައްމަދު ގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަދީލާ ރުސްދީ ވަނީ ބައިވެރިވެފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް މުބާރާތުގެ ބައިވެރިއެއް ބެލެނިވެރިއާއާއެކު. ފޮޓޯ: ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.