ENGLISH
21 އޭޕްރީލު 2025
އެހެން ދީންތަކުގެ ޙަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދެއްވައިފި
25 ޑިސެމްބަރު 2024
|
ރާއްޖޭގައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކޮށް، ޙަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
ކްރިސްމަސްއާ ދިމާކޮށް މިނިސްޓްރީން މިކަން ހަނދާންކޮށްދީފައިވަނީ ހުރިހާ ރަށު ކައުންސިލަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވައި ފޮނުއްވި މި ސާކިއުލާގައި ވިދާޅުވެފައި ވަނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭންވާނެ ކަމަށެވެ.
އެ ޤަވާޢިދުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި ޢާންމު ތަންތަނުގައި ޖަމާޢަތް ހަދައިގެން އެ ކަހަލަ ދީނީ ޙަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވެސް އެކަހަލަ ތަންތަން ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް އުޅުމަށާއި ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ކަހަލަ ހެދުމުގައި އުޅުމަށް ޓޫރިސްޓުންނަށް އިރުޝާދު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ ކައުންސިލްތަކުން މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީ، މި ކަހަލަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގަވައިފައެވެ.
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.