ENGLISH

23 ޖޫން 2026

Advertisement

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

23 ޖޫން 2026

|

އާމިނަތު ނުޒްލާ

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" މިއަދު އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ބުނީ މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ މިއަދު މީރުމާގައި ބޭއްވުނު "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގައެވެ. މިއީ މިނިސްޓްރީން ތަންފީޛުކުރަމުންދާ "އެންހާންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުން، މޫސުމީ ނުރައްކާތަކުން ތިމާވެއްޓާއި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

މި ގްރާންޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަލްފާޟިލް އަލީ ޝަރީފްއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިއްމު ދައުރާ ގުޅޭގޮތުން އަލިއަޅުވާލެއްވިއެވެ. އަދި "މެޗިންގ ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ" ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ބުނީ، މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު