ENGLISH
21 އޭޕްރީލު 2025
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާނުކުރަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފި
25 ޑިސެމްބަރު 2024
|
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް މަރަމުންދާކަމުގެ ވަރަށް ބައިވަރު ރިޕޯޓް ލިބެމުންދާ ކަމަށާއި އެކަން އެގޮތަށް ކުރުން ހުއްޓާލުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާޞްކުރައްވައިފިއެވެ.
މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ގޯނާކޮށް، އަނިޔާކޮށް މަރާކަމުގެ ޝަކުވާތައް އެ ވުޒާރާއަށް ލިބެމުންދާ ކަމަށާއި މިއީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ. ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުންގެ ޞިއްޙަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުންގެ ދުޅަހެޔޮކަމަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދޭ ކަމަށާއި އަދި އެނިމަލް ހެލްތު ކޯޑުގެ ދަށުން ދަނޑުވެރިކަމަށާއި މުނިފޫހިފިލުވަމަށާއި ޢިލްމީ ދިރާސާކުރުންފަދަ ބޭނުންތަކަށް ޖަނަވާރުން ގެންގުޅުމުގައި ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޖަނަވާރުންނަކީ ބުއްދިއެއްނުވާ އެއްޗެހިކަމުން، ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އުނދަގޫ ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެ ތަކެއްޗަށް ގޯނާކޮށް މެރުމަކީ އިންސާނީ ކަރާމާތާ ޚިލާފު ޢަމަލެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
އަދި މާތްވެގެންވާ އިސްލާމްދީނުގައި ވެސް ޖަނަވާރުންނަށް ކަމޭހިތާ، އެތަކެއްޗަށް ރައްކާތެރިކަން ދިނުމަށް އަންގަވައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހަނދާންކޮށްދެއްވާފައެވެ.