ENGLISH
21 އޭޕްރީލު 2025
ވަކި މުއްދަތެއް ހަމަވުމުން ނޫނީ ދެވަނަ ހައްޖެއް ނުވެވޭ ގޮތަށް ހަމަޖެއްސުމަށް ވިސްނަނީ
25 ޑިސެމްބަރު 2024
|
އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދިނުމުގެ ގޮތުން، ފަރުޟު ހައްޖުވެފައިވާ މީހުންނަށް ދެވަނަ ހައްޖެއް ވެވޭނެ ފުރުޞަތު ދެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވަނީ ފަރުޟު ހައްޖު އަދާކޮށްފައި ތިބޭ މީހުންނަށް ދެވަނަ ހައްޖެއް ލިބޭނީ، އެންމެ ފަހުން ހައްޖު ކުރިތާ ފަސް އަހަރު ފަހުން ކަމަށް، ބައެއް ގައުމުތަކުން އުސޫލުތައް ހަދާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ބައެެއް ގައުމުތަކުގައި ހައްޖަށް ދިއުމަށް އެދޭ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ފަހު، އޭގެ ތެރެއިން އަލަށް ހައްޖަށްދާ މީހުންނަށް އިސްކަން ދެވޭ ގޮތަށް ލިސްޓް އަޕްޑޭޓް ކުރެއެވެ.
އެމަނިކުފާން ވިދާޅުވީ ފަރުޟު ޙައްޖު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކުރުމަށްޓަކައި އެހެން ޤައުމުތަކުގައި ވެސް ކޯޓާގެ ކަންތައްތަކުގައި އުސޫލުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެކަން ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިއީ ފަރުޟު ޙައްޖު ކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކުރާ ކަމެއް ކަން ފާހަގަ ކުރައްވާ ވަޒީރު ވަނީ މިފަދަ ކަމެއް ރާއްޖޭގައި ކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަންކަން މުޅިން ހަމަޖެހިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަޝްވަރާއަށް ވެސް އެހުމަށް ފަހުއެވެ.