ENGLISH
10 އޭޕްރީލު 2025
ތުރުކީގެ ހަތިޔާރު ކާރުޚާނާގައި ހިނގި ބާރުގަދަ ގޮވުމުގައި 11 މީހަކު މަރުވެއްޖެ
25 ޑިސެމްބަރު 2024
|
ތުރުކީގެ ބަލިކެސިރް ޕްރޮވިންސްގެ ހަތިޔާރު ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާގައި މިހާތަނަށް 11 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާގުޅޭ އިދާރާއިން ބުނެފިއެވެ.
ތުރުކީގެ ބަލިކެސިރް ޕްރޮވިންސްގައި ހުންނަ އެ ކާރުޚާނާގައި ހިނގި އެ ހާދިސާގައި 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެ އަދަދު ފަހުން ވަނީ 11 އަށް ތިރިކޮށްފައެވެ.
ތުރުކީގެ އިންޓީރިއަރ މިނިސްޓަރު އަލީ ޔޭލިކާޔަރ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އަށް އަންހެނުންނާއި ތިން ފިރިހެނުން ކަމަށެވެ.
މަރުވި މީހުންގެ އިތުރުން އެ ހާދިސާގައި ޒަޚަމްވި ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ، ކާރުޚާނާގައި ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ގަސްދުގައި ހިންގި ކަމެއް ނޫން ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.
ނަމަވެސް، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން ވަނީ ވިދާޅުވެފައެވެ.
ބާރުގަދަ ގޮވުމާއެކު ކާރުޚާނާގައި ރޯވި އަލިފާންގަނޑު ފަޔާފައިޓަރުން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފައެވެ. ނަމަވެސް، އެ ގޮވުމާއެކު، އެ ކާރުޚާނާއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.