ENGLISH
10 އޭޕްރީލު 2025
ހަނިއްޔާ އަވަހާރަކޮށްލި ކަމަށް "އެހާ ޖެހިލުންކުޑަކޮށް" އިޒްރޭލުން އެއްބަސްވުމުން އީރާނުގެ ނުރުހުން
25 ޑިސެމްބަރު 2024
|
ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ، އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލި ކަމަށް "އެހާ ޖެހިލުންކުޑަކޮށް" އިޒްރޭލުން އިޢުތިރާފް ވުމުން އީރާނުން ނުރުހުން ފާޅުކޮށްފިއެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތެހްރާނަށް މިދިޔަ ޖުލައި މަހު އިޒްރޭލުން ދިން ޙަމަލާއެއްގައެވެ.
އިޒްރޭލުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް މިދިޔަ ހޯމަ ދުވަހު ވަނީ، ހަނިއްޔާ އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތީ އިޒްރޭލު ކަމަށް އެއްބަސްވެފައެވެ.
މިއީ ހަނިއްޔާ އަވަހާރަކޮށްލިފަހުން، އެކަމުގެ ޒިންމާ އިޒްރޭލުން ރަސްމީކޮށް ނެގި ފުރަތަމަ ފަހަރެވެ.
"މި ޖެހިލުންކުޑަ އިޢުތިރާފަކީ، އިޒްރޭލުގެ ސަރުކާރުން މި ރަހުމްކުޑަ ބޮޑު ޖަރީމާގެ ޒިންމާ ފާޅުގައި އުފުލި ފުރަތަމަ ފަހަރު،" އދ.ގެ ސެކްރެޓަރީ ޖެނެރަލްއަށް ފޮނުއްވި ސިޓީއެއްގައި އދ.ގައި ހުންނަވާ އީރާނުގެ ސަފީރު އަމީރު ސައީދު އިރަވާނީ ވިދާޅުވިއެވެ.
ހަނިއްޔާ އަވަހާރަކޮށްލުމުގެ ރައްދުގައި އީރާނުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އިޒްރޭލަށް 200 މިސައިލް ޙަމަލާދީފައެވެ. ނަމަވެސް، އިޒްރޭލުގެ ވަރުގަދަ ދިފާޢީ ނިޒާމު އަޔަން ޑޯމުން ވަނީ އެ މިސައިލްތައް ވައްޓާލައިފައެވެ.
އެ ސިޓީގައި އިރަވާނީ ވަނީ، ހަނިއްޔާ އަވަހާރަކޮށްލުމަށް އިޒްރޭލުން ހިންގި ޖަރީމާ އަކީ ޓެރަރިސްޓު ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އަދި އީރާނުން އިޒްރޭލަށް ދިން ވައިގެ ޙަމަލާތަކަކީ އެ ޢަމަލުގެ ޖާއިޒު ރައްދެއް ކަން މިހާރު މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.