ENGLISH
10 އޭޕްރީލު 2025
ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅައިލަން އެއްބަސްވެއްޖެ ކަމަށް ސޫރިޔާއިން ބުނެފި
25 ޑިސެމްބަރު 2024
|
ހަޔިއަތު ތަޙްރީރް އަލް-ޝާމްގެ ވެރިޔާ، އަބޫ މުޙައްމަދު އަލް ޖޫލާނީ.
ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅާލައި، ހަނގުރާމަވެރިން ދިފާއީ ވުޒާރާގެ ދަށަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ސޫރިޔާގެ ސަރުކާރާ މިހާރު ޙަވާލުވެ ހުރި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ، އަބޫ މުޙައްމަދު އަލް ޖޫލާނީ ބުނެފިއެވެ.
ޖޫލާނީ މި ކަން އިޢުލާނުކޮށްފައިވަނީ، ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ އެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
ނަމަވެސް، ސޫރިޔާގެ އިރުއުތުރުގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލްކުރާ، އެމެރިކާއިން ވާގިވެރިވާ ކުރުދީންގެ ހަނގުރާމަވެރި ޖަމާޢަތް މި ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ.
ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓައިލުމަށް އެޗްޓީއެސްއިން ސޫރިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ތުރުކީ އިން ވާގިދޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.
ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅައިލުމުގެ އިތުރަށް، ސޫރިޔާގެ އެކި ސަރަޙައްދުތަކާއި ހަނގުރާމަވެރިންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް، އާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު ޖޫލާނީ ވަނީ ބުނެފައެވެ.
"އެއްވެސް ޖަމާޢަތަކުން، އެއީ އެސްޑީއެފް ސަރަޙައްދުގައި ތިބި ޖަމާޢަތްތައް ވިޔަސް، ދައުލަތުގެ ކޮންޓްރޯލު ނޯންނަ ގޮތަށް ހަތިޔާރު ގެންގުޅެން އަޅުގަނޑުމެން އެއްގޮތަކަށް ވެސް ފުރުޞަތެއް ނުދޭނަން،" ކުރުދީން އިސްވެ އޮންނަ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ޖޫލާނީ ބުނީ ދީނީ އަދި ނަޞްލީ ގޮތުން ހިނގައިފާނެ ހަމަނުޖެހުންތަކަށް ދުރާލައި ތައްޔާރުވެ، ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.