ENGLISH

21 އޭޕްރީލު 2025

Advertisement

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ" ފާސްކުރައްވައިފި

24 ޑިސެމްބަރު 2024

|

ހަސަން އާމިރު

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" މިއަދު ފާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ފާސްކުރެއްވި މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މި ސްޓްރެޓަޖީ ތަސްދީޤުކުރުމުގެ ސަބަބުން ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި މިފަދަ ސްޓްރެޓެޖީއެއް އެކުލަވާލައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީއެވެ.

މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާ ލުމަކީ، 2030 އަންނަން ވާއިއިރަށް ޤައުމުތަކުގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެ ކަމަށް ސެންޑައި ފްރޭމްވޯރކް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނައިފައިވާ ކަމެކެވެ.

ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯރކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އ.ދ.ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ. އަދި ދިވެހިރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެތެރެއިން ޤައުމެއްކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން މި ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަކުރެވިފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވަރކްގެ ދަށުން މިހެދުނު ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ދިވެހިރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު