ENGLISH

18 ޖޫން 2026

Advertisement

ފަހު ވަގުތު ލަނޑު ޖަހައި ޕެނަމާ އަތުން ގާނާއަށް އުނދަގޫ މޮޅެއް

18 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޕެނަމާ ކޮޅަށް ލަނޑު ޖެހުމަށްފަހު ގާނާގެ ޔިރެންކީ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގައި މިއަދު ކުޅުނު މެޗުގެ ފަހު ވަގުތު ލަނޑު ޖަހައި، ޕެނަމާ އަތުން 1-0 އިން ގާނާ މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ގާނާ އުޅެނީ މި ގްރޫޕުގެ ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އިންގްލެންޑަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މުބާރާތުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފޯރިގަދަ ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފައެވެ.

ކެނަޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ޕެނަމާ އަށް ލަނޑެއްޖަހައިދޭން އާމިރް މުރީލޯ ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ސެސީލިއޯ ވަޓަރމަން ފޮނުވާލުމުން ގާނާގެ ކީޕަރު، ލޯރެންސް އާޓީ-ޒިގީ މަތަކުރިއެވެ. އޭގެފަހުން، ގާނާގެ ކީޕަރު އާޓީ-ޒީގީ އަށް ސަލާމަތްނުކުރެވުނު ބޯޅައެއް ޕެނަމާގެ ޑިފެންޑަރު ޖިއޮވާނީ ރާމޯސް އަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

ގާނާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއެކު އެވެ. އެ ޓީމުގެ ކީޕަރު އާޓީ-ޒިގީ އަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ބެންޖަމިން އަސާރޭ އެވެ.

ޕެނަމާއާ ދެކޮޅަށް ގާނާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފީފާ.ކޮމް

ދެވަނަ ހާފުގައި ވެސް ޕެނަމާ އިން ވަނީ ގާނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން، އެ ޓީމުގެ ކްރިސްޓިއަން މާޓީނޭޒަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލްކޮށް، ހަމަޖެހިލާފައި ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ޖެހިޖެހިގެން ފަސް ވޯލްޑް ކަޕެއްގައި ކޯޗުކޮށްދީގެން ރެކޯޑެއް ގާއިމުކޮށްފައިވާ ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް، މެޗުގެ 60 މިނެޓު ހަމަވާން ދަނިކޮށް ދެ ބަދަލެއް ގެނައެވެ. މި ބަދަލުގެ ސަބަބުން ގާނާގެ ކުޅުން އިތުރަށް ރަނގަޅުވެގެން ދިޔައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެންޑަން ތޯމަސް-އަސާންޓޭ ކަނާތްފަރާތުން ބޯޅަ ހިފައިގެން ގޮސް، ޖޯޑަން އަޔޫއަށް ހުރަސްކޮށްލި ނަމަވެސް، ޕެނަމާގެ ޑިފެންޑަރު ރާމޯސް ވަނީ ވަގުތުން ޓެކުލްކޮށް، އެ ބޯޅަ ސަލާމަތްކޮށްފައެވެ.

މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، އިތުރުވަގުތުގެ ތެރޭގައި ގާނާގެ ތޯމަސް-އަސާންޓޭ އަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަނުމަށްފަހު ކޭލެބް ޔިރެންކީ އަށް ޖައްސާލި ޕާހަކުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގާނާ އަށް މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ ބޮޑު މުބާރާތެއްގައި ގާނާ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ގާނާގެ ޔިރެންކީ (ވ) ޕެނަމާގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަރސް

ގާނާ އިން ހޯދީ މި މޮޅާއެކު، ޕެނަމާ އިން ވޯލްޑް ކަޕުގައި ޕޮއިންޓެއް ހޯދުމަށް ކުރަމުންއައި އުއްމީދުތަކަށް ހުރަސްއެޅި، އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން މިވަނީ ޖެހިފައެވެ.

މި މެޗުގައި ގާނާ އަށް އިރުޝާދު ދިން ކޯޗު، ކުއެރޯޒް ވަނީ ޖެހިޖެހިގެން ފަސް ވޯލްޑް ކަޕުގައި އެކި ގައުމުތަކަށް ކޯޗުކޮށްދިނުމުގެ ރެކޯޑަކާ އެއްވަރުކޮށްފައެވެ. އެގޮތުން، އޭނާ ވަނީ 2010 ވަނަ އަހަރު ޕޯޗުގަލް އަށް ކޯޗުކޮށްދިނުމަށްފަހު، 2014، 2018 އަދި 2022 ވަނަ އަހަރު އީރާނަށް އިރުޝާދު ދިނުމަށްފަހު މި އަހަރުގެ ވޯލްޑް ކަޕްގައި ގާނާ އަށް ކޯޗުކޮށްދީފައެވެ. ކުއެރޯޒް އަކީ ބޯރާ މިލުޓިނޮވިޗަށް ފަހު މި ޝަރަފު ހޯދި ދެވަނަ ކޯޗެވެ.

މި މުބާރާތުގައި ގާނާ އަށް ދެން އޮތީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. ޕެނަމާ ދެން ކުޅޭ މެޗުގައި ނިކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު