ENGLISH
21 އޭޕްރީލު 2025
ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ޕީއެންސީން އިލްތިމާސްކޮށްފި
24 ޑިސެމްބަރު 2024
|
ޕީއެންސީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން
ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ އަދި ވަކިވަކި ފަރުދުން ވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
ޕީއެންސީން މިހެން ބުނެފައިވަނީ އެ ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ދެއްކެވި ވާހަކަ ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނުގަ އެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްޢިއްޔާއަކުން ވިއަސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި ޢަމަލެއް ނުދޭނެ ކަމަށެވެ. އަދި ޕާޓީތަކާ މަދަނީ ޖަމްޢިއްޔާތައް ހަރަކާތްތެރި ވާނީ ޤާނޫނު ހުއްދަކުރާ އިމުގެތެރެއިން ކަމަށްވެސް ޕީއެންސީއިން ބުނެފައިވެއެވެ.
"އެއިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކެއްނުކުރަން" - ޕީއެންސީ
ދިވެހި ރާއްޖެއަކީ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ޕީއެންސީން ދީފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.