ENGLISH
21 އޭޕްރީލު 2025
ފަޒުލް ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފި
24 ޑިސެމްބަރު 2024
|
އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު --- ފޮޓޯ: ގޫގުލް
ބިންވެރިޔާ ސްކީމްގެ އުސޫލާ ޚިލާފަށް ގޯތި ދިން މައްސަލާގައި، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަޙުޤީޤުގައި،ފަޒުލް ދިރިއުޅެމުންދާ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ފަޒުލް ދިރިއުޅޭ ގެ ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށް ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށާއި އެގޮތުން ގެންދިޔަ ތަކެތީގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށެވެ.
މި މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ވަނީ އިސްތިޢުފާ ދެއްވައިފައެވެ. އަދި މައްސަލައާ ގުޅިގެން އެޗްޑީސީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
މީގެ އިތުރުން ތަޙުޤީޤަށް ޖާގަ ދިނުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ 15 މުވައްޒަފަކު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިހާރު ވަނީ މުޙައްމަދު މަޢުރޫފް ޖަމީލު އައްޔަން ކުރައްވައިފައެވެ.