ENGLISH
10 އޭޕްރީލު 2025
ޗާގޯސްއާ މެދު ދެބަސްވުން އޮތީ މާލީ ބަދަލާ ގުޅޭ ގޮތުން ކަމުގެ އިޝާރާތެއް
24 ޑިސެމްބަރު 2024
|
ސަރަޙައްދީ ގޮތުން މުޙިންމު، ޗާގޯސްގެ ޖަޒީރާ ރަށްތައް އިސްތިޢުމާރު ކޮށްފައިވާ، އިނގިރޭސިވިލާތުން އެ ރަށްތައް އަނބުރާ މޮރިޝަސް އާ ޙަވާލުކުރަން މިހާރު ހުށަހަޅާފައިވާ އެއްބަސްވުމާމެދު ހިތްހަމަނުޖެހުން އޮތީ، އިނގިރޭސިވިލާތުން ހުށަހަޅާ މާލީ ބަދަލާ ގުޅޭގޮތުން ކަމުގެ އިޝާރާތެއް މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު ދެއްވައިފިއެވެ.
އެތައް ޒަމާނެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އިނގިރޭސިވިލާތުން މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވީ ކުރީގެ ކޮލޮނީއެއް ކަމަށްވާ ޗާގޯސް ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށެވެ. ނަމަވެސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ޝަރުތުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ބުނީ، ކޮންމެ އަހަރަކު ފައިސާ އާއި އުމްރާނީ ތަރައްޤީގެ އިންވެސްޓްމަންޓުތައް ހިމެނޭ ގޮތަށް މޮރިޝަސްއަށް މާލީ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް، މި ޕެކެޖުގައި ހިމެނޭނެ ފައިސާގެ ސީދާ އަދަދެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެ އެއްބަސްވުން ހެދި ފަހުން، މޮރިޝަސްއިން ވަނީ އާ ސަރުކާރެއް އިންތިޚާބުކޮށްފައެވެ. އެއާ އެކު ކުރީގެ ސަރުކާރުން އިނގިރޭސިވިލާތާ އެކު ހަދާފައިވާ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށް ބުނެ، މަޝްވަރާތައް ވަނީ އަލުން ފަށައިފައެވެ.
ނަމަވެސް، މޮރިޝަސްގެ އާ ސަރުކާރުން އެއްބަސްވުމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، މޮރިޝަސްގެ އާ ސަރުކާރުގެ ހިތްހަނުޖެހުން އޮތީ، އިނގިރޭސިވިލާތުން ދޭން ހުށަހަޅާފައި އޮތް ފައިސާގެ އަދަދާ ގުޅޭގޮތުން ކަމަށް މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު ޕޯލް ބެރެންޖަރ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވިއެވެ.
"މި އަސްކަރީ މަރުކަޒު އޮތީ އަޅުގަނޑުމެންގެ ބިމުގައި، އަޅުގަނޑުމެންގެ ސަރަޙައްދުގައި... އެކަމަކު މިއީ ހަމައެކަނި އަޅުގަނޑުމެންގެ އިސްތިޤުލާލާ ގުޅޭ ކަމެއް ނޫން. ޤައުމު ދެކެ ލޯބިވާ މީހަކު ނަމަ، މީގައި ޤަބޫލު ނުކުރެވޭނެ ބައެއް ކަންތައްތައް އެބަހުރި. އަޅުގަނޑުމެންގެ ސޮއި ހޯދަން އެ މަސައްކަތްކުރަނީ ކުޑަ އަދަދެއްގެ ފައިސާ ކޮޅަކަށް އެއްބަސްނުވާންވެގެން،" ބެރެންޖަރ ވިދާޅުވިއެވެ.
ޗާގޯސް އެއްބަސްވުމާ ގުޅޭގޮތުން، މިދިޔަ ހަފްތާގައި މޮރިޝަސްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވެސް ބެރެންޖަރ ވަނީ، ކުރީގެ ސަރުކާރުން ޤައުމު ވައްޓާލާފައި އޮތް އިޤްތިޞާދީ އަނދަވަޅުން ނަގައި ކޮޅަށް ޖަހަން އިތުރު ފައިސާ ބޭނުންވާ ކަމަށެވެ.
މާލީ ބަދަލާ ގުޅޭގޮތުން ދެބަސްވުމެއް އޮތަސް، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް، އަންނަ މަހުގެ 20 ވަނަ ދުވަހު މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން، ޗާގޯސް އެއްބަސްވުމުގައި ސޮއިކުރަން އިނގިރޭސިވިލާތުން ބޭނުންވާ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރަމްގޫލަމް ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ޤާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރުގެ ތެރޭގައެވެ.