ENGLISH
15 ޖޫން 2026
ރާއްޖެއިން ބޭރުކުރާ ވިހަ ގޭސް މަދުވި ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު
15 ޖޫން 2026
|
ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅޭގޮތުން އެކުލަވާލި ބައިއެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓު އިއްވަނީ.
އެންމެ މަޤްބޫލު
މުޅި ދުނިޔެއަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން ދިވެހިރާއްޖޭގެ ހިއްސާއަކީ އެންމެ 0.004 އިންސައްތަ ކަމުގައި ވީނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމަކަށް ވުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ގޮތުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ބިރުވެރިކަން ރާއްޖެއަށް އިންތިހާއަށް ބޮޑެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމާއި، މޫސުމީ ވިލުންތެރިކަން ވަރުގަދަކުރުމަކީ މިހާރު ދިވެހި ސަރުކާރުގެ އެންމެ އިސް ގައުމީ ސިޔާސަތުކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
މި މަގްސަދު ހާސިލުކުރުމަށްޓަކައި، ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތައް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ވަނީ އަވަސްކުރައްވާފައެވެ. ރާއްޖެއިން ބޭރުކުރާ މަދު ގޭސްކޮޅުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ކުރާ އަސަރު ކުޑަވި ނަމަވެސް، ބޮޑެތި ގައުމުތަކުން ބޭރުކުރާ ގޭސްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަކީ ގައުމީ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރާއްޖެއިން ދަނީ ވަކާލާތު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކާއެކު، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްކުރެވޭނެ ފަދަ ގައުމަކަށް ރާއްޖެ ހެދުމެވެ.