ENGLISH
13 ޖޫން 2026
ގައްދޫން ފަހަތުން އަރައި ހުރާ ބަލިކޮށްފި
12 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ަގައްދޫ އާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ގދ. ގައްދޫން ފަހަތުން އަރައި ކ. ހުރާ ބަލިކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ގައްދޫން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުރާއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަސިއެރް ގޯމޭސް އަލްވަރޭޒެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ގައްދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ މުޙައްމަދެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގައްދޫން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އެމަނުއެލް އޮލުބެންގާ މަކިންޑެއެވެ.
މއީ ކޮލިފައިންގައި ގައްދޫން ހޯދި ފުރަތަމަ މޮޅެވެ. މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބިސް ބުރު އޮތްއިރު، ދެވަނައިގައި އޮތް ދިއްދޫ އާއި، ތިންވަނައިގައި އޮތް ގައްދުއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގައްދޫން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ދިއްދޫން ކުޅެފައިވަނީ އެންމެ މެޗެކެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ އާއި، ފަސްވަނައިގައި އޮތް ހުރާ އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ލިބިފައިވާއިރު، މީގެ ތެރެއިން ހުރާ އާއި ގްރީން ސްޓްރީޓްސް ވަނީ ދެ މެޗު ކުޅެފައެވެ. އަދި ހުރާއިން ކުޅެފައިވަނީ އެންމެ މެޗެކެވެ.
ކޮލިފައިންގެ މެޗެއް މާދަމާރޭ ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ދިއްދޫ އާއި ޓީސީއެވެ.