ENGLISH

12 ޖޫން 2026

Advertisement

ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ޔޫތު ހަބުގައި ކުރިއަށްދާ "ވޮޗް ޕާޓީ" އިފުތިތާހުކޮށްފި

12 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ޔޫތު ހަބުގައި ކުރިއަށްދާ "ވޮޗް ޕާޓީ" އިފުތިތާހުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 އަށް ޚާއްސަކޮށްގެން މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދާ "ވޮޗް ޕާޓީ" އިފުތިތާހުކޮށްފިއެވެ.

މި ހަރަކާތަކީ ފުޓްބޯޅައަށް ލޯބިކުރާ އެންމެހައި ފަރާތްތައް އެއްތަނަކަށް ޖަމާވެ، އުފާވެރިކަމާއި ފޯރީގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެކެވެ. ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ޔޫތު ހަބުގައި ހިލޭ ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވޯލްޑް ކަޕުގެ ކުޅުން ރޭ ފެށިގެންދިޔައިރު، މުބާރާތް ހުޅުވި މެޗު ދެއްކުމުގެ އިތުރުން، ފޯރިގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ޔޫތު ހަބުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ޔޫތު ހަބުގައި ކުރިއަށްދާ "ވޮޗް ޕާޓީ" އިފުތިތާހުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

އަންނަ ޖުލައި 19 ގެ ނިޔަލަށް ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތަކުގެ އިތުރުން، މުބާރާތް ކުރިއަށްދާ މުއްދަތުގައި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކާބޯތަކެތީގެ ސްޓޯލްތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ފަސް ހަފުތާގެ މުއްދަތަކަށް ކޮކާކޯލާ މޯލްޑިވްސްގެ ފަރާތުން ހިލޭ ބުއިންތައް ލިބުމުގެ އިތުރުން، ހުކުރު ދުވަސްތަކުގެ ހަވީރު ކުޑަކުދިންގެ ފެސްޓިވަލްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުން، މެޗުތައް ފެށުމުގެ ކުރިންނާއި ހާފްޓައިމް ބްރޭކުތަކުގައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނާއި، ޒުވާން ލީޑަރުން އަދި މަޝްހޫރު ފަރާތްތަކުން ހުށަހަޅާދޭ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދާނެއެވެ.

ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ޔޫތު ހަބުގައި ކުރިއަށްދާ "ވޮޗް ޕާޓީ" އިފުތިތާހުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ސަޕޯޓަރުންނަށް އިނާމުތަކެއް ލިބޭ ހަފުތާގެ ގުރުއަތުލުންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެތެރޭގައި ފީފާ ވޯލްޑް ކަޕުގެ ރަސްމީ ފުޓްބޯޅައަކާއި، ޔޫތު ހަބް ޖިމްގެ އެއް މަސް ދުވަހުގެ މެމްބަރޝިޕްގެ އިތުރުން ސްޕޮންސަރުންގެ އެކި ހަދިޔާތައް ހިމެނެއެވެ. އަދި އޮންލައިންކޮށްނާއި ފޭން ޒޯންތަކުގައި ފުޓްބޯޅައާ ގުޅުންހުރި މުބާރާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވީޑިއޯ ގޭމިންގ ހަރަކާތްތަކާއި، މިނީ ގޯލް-ޝޫޓް ޗެލެންޖުތަކާއި، ކޮންމެ ދުވަހަކު ބާއްވާ ފުޓްބޯޅަ ކުއިޒް މުބާރާތްތައް ހިމެނެއެވެ.

ސީއެޗްއެސްއީ ކައިރީގައި، ލިލީ މަގުގައި ކުރިއަށްދާ މި ހަރަކާތަކީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. މީގެ ބޭނުމަކީ ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަމާއި އިޖުތިމާއީ ރޫހު އާލާކޮށް، ރައްކާތެރި އަދި ފޯރިގަދަ މާހައުލެއްގައި ޒުވާނުންނާއި، އާއިލާތަކާއި، އަދި ފުޓްބޯޅަ ސަޕޯޓަރުން އެއްތަނަކަށް ޖަމާކުރުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު