ENGLISH

12 ޖޫން 2026

Advertisement

ޒުވާނުން ބިނާކުރުމަކީ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓުމަންޓެއް: ވަޒީރު ޝަހީމް

12 ޖޫން 2026

|

އައިމިނަތު ޝަފާ

ޒުވާނުން ބިނާކުރުމަކީ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓުމަންޓެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ހުންނެވީ މެލޭޝިއާގައެވެ.  މި ދަތުރުފުޅަކީ ތިން ވަނަ "އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026″ ގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ސަމިޓްގެ ތެރެއިން ކުރިއަށްދިޔަ ބައިނަލްއަގްވާމީ ޒުވާނުންގެ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުން ވަޒީރު ވިދާޅުވީ ޒުވާނުން ބިނާކުރުމަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އިލްމާއި، އަހުލާގާއި، ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ މި ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ޑިޖިޓަލް އިންގިލާބާއި އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޮތް މަގުކަން ވިދާޅުވިއެވެ.

ކޮންފަރެންސް އިންތިޒާމުކުރެއްވި ފުރިހަމަކަމަށްޓަކައި ވަޒީރު ޝަހީމުވަނީ މެލޭޝިޔާ ސަރުކާރަށާއި، ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމަށާއި، މެލޭޝިޔާގެ ދީނީ ކަންކަމާ ބެހޭ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ހަރަމްފުޅުގެ ހާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި، އިސްލާމްދީނާއި މުސްލިމުންގެ ހިދުމަތުގައި ސައުދީ އަރަބިއްޔާއިން ކުރައްވާ މަސައްކަތްތަކަށާއި މެދުމިނުގެ ސިޔާސަތާއި، އެކުވެރިކަމާއި، ކެތްތެރިކަމާއި އަދި ސުލްހަވެރިކަން ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްކަތްޕުޅަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. 

ތިން ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސްގައި 31 ގައުމަކުން 1500 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. 

މި ސަމިޓަކީ މެލޭޝިޔާގެ ޕްރައިމް މިނިސްޓަރސް އޮފީހާއި، މުސްލިމް ވޯލްޑް ލީގާއި މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އޮފް މެލޭޝިޔާއިން ގުޅިގެން ބާއްވާ ހާއްސަ ސަމިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު