ENGLISH
21 އޭޕްރީލު 2025
މިހާރު ފެންމަތިވެފައިވާ ގޯތީގެ މައްސަލަތަކާއެކު ކުރީ ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ ވެސް ތަޙުޤީޤު ކުރަންޖެހޭ
23 ޑިސެމްބަރު 2024
|
އެޗްޑީސީގެ މައި އޮފީސް
މިހާރު ފެންމަތިވެފައިވާ ގޯތިތަކުގެ މައްސަލަތަކާ އެކު ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަތައް ވެސް ތަހުގީގުކުރަން ޖެހޭނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނަހަމަ ގޮތުގައި ބަހާފައިވާ ގޯތިތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ. ކުރީ ސަރުކާރުތަކުގައި ގޯތި ލިސްޓް އެކުލަވާލާފައި އޮތީ ބޭއިންސާފުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުން ފެށި ތަހުގީގަށް ފަހު އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް، ކަންކަން އިސްލާހު ކުރައްވާނެ ކަމުގެ އުއްމީދު އޮތް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ނަހަމަ ގޮތުގައި ގޯތި ދޫކުރާ މައްސަލައަކީ ދިވެހިންނަށް މުޅިން އަލަށް ކުރިމަތިލާން ޖެހުނު މައްސަލައެއް ނޫން ކަމަށާއި އަލަށް ފެންމަތިވި މައްސަލަތަކަކީ އެ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ކުރީގެ ސަރުކާރުތަކުގެ މައްސަލަތަކާ ޚިލާފަށް މިފަހަރު މި ފެންމަތިވި މައްސަލަ ތަހުގީގު ކުރަން ފަށައި، އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި ކަމުގައި ދިވެހި ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް، ރީކޯ މޫސާ މަނިކު ވެސް ވަނީ ކުރީގެ ސަރުކާރުތަކުން ނުޙައްޤުން ގޯތި ދިން މައްސަލަތައް 1980 ވަނަ އަހަރުން ފެށިގެން ބެލުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ގޯތީގެ މައްސަލަތަކަކީ ފަސްއަޅައި ފޮރުވާލާފައިވާ މައްސަލަތަކެއްކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ މި ސަރުކާރުގައި، ސަރުކާރުގެ މުދަލާއި ފައިސާއިން ވައްކަންކުރާ މީހުންގެ ފަހަތުން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފާރަލައްވަމުން ގެންދަވާ ކަމަށެވެ. އެންމެ ކުރިއްސުރެ ޒަމާންވީ ކޮރަޕްޝަނާއި ފަސާދައިން މި ޤައުމު ސަލާމަތްކުރުމުގައި މިގޮތަށް ވެރި މީހާގެ އިޚްލާސްތެރިކަން އިސްކުރި ނަމަ ޤައުމު މިފަދަ ޙާލަތަކަށް ނުދާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ސްޕޯކްސްޕާރސަން އަނަސް އަބްދުލް ސައްތާރު ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވައި ކުރީގެ ޕީޖީ މުޙުތާޒު މުހުޞިން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވެސް ގޯއްޗާއި ބެހޭ އެތައް ސިޓީތަކެއް ހެއްކާއިއެކު އޭރުގެ ރައީސް އަށާއި، އޭ.ސީ.ސީ އަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައިރު ވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް މުޙުތާޒް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގައި ނެތް ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމާ ގުޅޭ މައްސަލަތަކުގައި އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި ފަޒުލް ރަޝީދު ވެސް އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ހުންނަވަނިކޮށެވެ. އަދި މި މައްސަލާގައި، އެ ކުންފުނިން 15 މުވައްޒަފަކު އިއްޔެ ވަކިކޮށްފައި ވެސް ވެ އެވެ. އެޗްޑީސީގެ އިތުރުން، މި މައްސަލާގައި ހައުސިން މިނިސްޓްރީގެ 10 މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވެއެވެ. އަދި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގައި އިސްކޮށް އުޅުނު ބައެއް މީހުންގެ ޕާސްޕޯޓު ވެސް ވަނީ މި ތަހުގީގަށް ހިފަހައްޓައިފައެވެ.