ENGLISH

10 އޭޕްރީލު 2025

Advertisement

އެމެރިކާގެ ބާރުގެ ދަށަށް ޕެނަމާ ކެނާލް ގެންނަން ޓްރަމްޕްގެ އިންޒާރެއް

23 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޕެނަމާ ކެނަލް ހުރަސްކޮށް ބޯޓެއް ދަތުރުކުރަނީ.

އެމެރިކާގެ މުދާ އުފުލާ ބޯޓުތަކުން ބޮޑެތި ފީތައް ނަގައި، ތަފާތުކުރާ ކަމަށް ވިދާޅުވެ، ޕެނަމާ ކެނާލް އެމެރިކާގެ ބާރުގެ ދަށަށް ގެންނަންޖެހިދާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި މުދާ އުފުލާ ބޯޓުތަކުން އިންތިހާއަށް ބޮޑެތި ފީތައް ނަގައި، ޢަމަލު ކުރަމުންދަނީ ވަރަށް ބޭއިންސާފުން، ތަފާތުކުރުން ބޮޑު ގޮތަކަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އަދި އެމެރިކާގެ މުދާ އުފުލާ ބޯޓުތައް އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ހުރަސްކުރަން، ޕެނަމާ ކެނާލް ބޭނުންކުރާއިރު، އެތަނުގެ ވަށައިގެން ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ ވެސް ޓްރަމްޕް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ ޕެނަމާއަށް އެ ކެނާލްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުކުރެވޭނަމަ، އެ ތަން އަނބުރާ ދޭން ޑިމާންޑް ކުރާނެ ކަމަށެވެ.

އެމެރިކާއިން 1914 ވަނަ އަހަރު ތަރައްޤީކޮށް ނިންމައިލި ޕެނަމާ ކެނާލް، ޕެނަމާ އާ ޙަވާލުކުރީ 1977 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓަރ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ.

އެ ކެނާލްގެ ފުރިހަމަ ކޮންޓްރޯލް ޕެނަމާ އަށް ލިބިފައިވަނީ 1999 ވަނަ އަހަރުގެ ތެރޭގައެވެ.

ޕެނަމާ ކެނާލް އަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް، ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ދޮގުކުރައްވައިފައެވެ.

"މި ކެނާލްއަށް ޗައިނާ ވިޔަސް، ޔޫރަޕިއަން ޔޫނިއަން ވިޔަސް އަދި އެމެރިކާ ވިޔަސް، ސީދާ އަދި ނުސީދާ ގޮތުން ވެސް އެއްވެސް ބާރެއް ނުފޯރުވޭނެ،" މުލީނޯ ޢާންމުކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވިއެވެ.

"ޕެނަމާގެ ރައްޔިތެއްގެ ހައިޞިއްޔަތުން މި ހަޤީޤަތް އޮޅުވައިލަން ދައްކާ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރަން."

ޓްރަމްޕްގެ ވާހަކަތައް ރައްދު ދެއްވިޔަސް، އެމެރިކާގެ އާ ސަރުކާރާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް މުލީނޯ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު