ENGLISH

10 އޭޕްރީލު 2025

Advertisement

ޣައްޒާއަށް އަނެއްކާވެސް އިޒްރޭލުގެ ޙަމަލާތަކެއް، 35 މީހަކު ޝަހީދުކޮށްލައިފި

23 ޑިސެމްބަރު 2024

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީ، 35 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަހުމޫދު ބައްސަލް ވިދާޅުވީ، ގެދޮރު ގެއްލިފައިވާ މީހުން ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި، ސްކޫލަކަށް ވެސް އިޒްރޭލުން ޙަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.

އެ ޙަމަލާގައި އަށް މީހަކު ޝަހީދު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އިޒްރޭލުން ދަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ އުތުރަށް ޙަމަލާތައް ދެމުންނެވެ.

ނަމަވެސް، ޣައްޒާއަށް ދޭ ޙަމަލާތައް އިޒްރޭލުން ވަރުގަދަކޮށްފައި މިވަނީ، ޣައްޒާގައި ޙަމަލާތައް ހުއްޓާލައި، ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް ދެ ފަރާތުން ވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން، މަޝްވަރާތައް އަލުން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.

ޣައްޒާގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެއްޗާއި ފެން ލިބުން ދަތިކޮށް، ރާވައިގެން ޙަމަލާތައް އިޒްރޭލުން ދެމުންދަނީ، ފަލަސްތީނުގެ ނަޞްލު ނައްތާލުމަށްޓަކައި ކަމަށް، އދ. އާއި ބައިނަލްއަޤްވާމީ އެތައް ޖަމްޢިއްޔާއަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު