ENGLISH

15 އޭޕްރީލު 2025

Advertisement

ސޫރިޔާގައި ގެންގުޅޭ ހުރިހާ ހަތިޔާރެއް އާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނަނީ

23 ޑިސެމްބަރު 2024

|

ހަސަން އާމިރު

އެޗްޓީއެސްގެ އަބޫ މުޙައްމަދު އަލް ޖޫލާނީ

ސޫރިޔާގެ އެކި ސަރަޙައްދުތަކާއި ހަނގުރާމަވެރިންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް، އާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ސޫރިޔާގެ ސަރުކާރާ މިހާރު ޙަވާލުވެ ހުރި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަބޫ މުޙައްމަދު އަލް ޖޫލާނީ ބުނެފިއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާން އާ އެކު ބޭއްވި ބައްދަވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖޫލާނީ ބުނީ، ސޫރިޔާގެ އިތުރުން މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް ކަމެއް ވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓައިލުމަށް އެޗްޓީއެސްއިން ސޫރިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ތުރުކީ އިން ވާގިދޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.

ޖޫލާނީ ބުނީ، އެ ޖަމާޢަތްތައް ރޫޅާލައި، ހަނގުރާމަވެރިން އަސްކަރިއްޔާ އާ ރަސްމީކޮށް ގުޅޭނެ ކަމަށެވެ.

"އެއްވެސް ޖަމާޢަތަކުން، އެއީ އެސްޑީއެފް ސަރަޙައްދުގައި ތިބި ޖަމާޢަތްތައް ވިޔަސް، ދައުލަތުގެ ކޮންޓްރޯލު ނޯންނަ ގޮތަށް ހަތިޔާރު ގެންގުޅެން އަޅުގަނޑުމެން އެއްގޮތަކަށް ވެސް ފުރުޞަތެއް ނުދޭނަން،" ކުރުދީން އިސްވެ އޮންނަ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

މީގެއިތުރުން، ޖޫލާނީ ބުނީ ދީނީ އަދި ނަޞްލީ ގޮތުން ހިނގައިފާނެ ހަމަނުޖެހުންތަކަށް ދުރާލައި ތައްޔާރުވެ، ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު