ENGLISH
09 ސެޕްޓެމްބަރު 2025
ހޮނިހިރު ދުވަހުގެ ވިއްސާރާގައި ހެނބަދޫގެ 80 ގެއަކަށް ފެންވަދެ ގެއްލުންވި: އެމްއެންޑީއޭ
23 ޑިސެމްބަރު 2024
|
ހޮނިހިރު ދުވަހުގެ ވިއްސާރައިގައި ނ. ހެނބަދޫން ގާތްގަނޑަކަށް 80 ގެއަކަށް ފެންވަދެ ގެއްލުންވެގެން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީ (އެމްއެންޑީއޭ) އިން ހާމަކުރި މަޢުލޫމާތުތަކުން އެނގިއްޖެއެވެ.
އެ އިދާރާއިން ބުނި ގޮތުގައި ގިނަ ގެތަކަކަށް ފެންވަދެ ގެއްލުން ވެފައިވީނަމަވެސް، ހެނބަދޫގެ އެއްވެސް މީހަކު ވަގުތީ ހިޔާއަށް ގެންގޮސްފައެއް ނުވެއެވެ.،
އެ ރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާއިން ހަރަކާތްތެރިވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަދި ރެޕިޑް އެސެސްމެންޓް ހެދުމާއި ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ވެލިދޫ ދަރުމަވެރިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ހެނބަދޫގައި ފެންވަދެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމެންޓް ހެދުމަށް ފަހު 27 ގެއެއްގެ ފޯމު މިހާރު ވަނީ މި އޮތޯރިޓީއަށް ލިބިފައި. މި ފޯމުތައް ވެރިފައިކޮށް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތަށް ލިބުނު ގެއްލުންތައް ހިމެނޭ" - އެމްޑީއެންއޭ އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ހެނބަދޫ ފިޔަވައި އިތުރު ރަށަކުން އެ ދުވަހުގެ ވިއްސާރައިގައި ގެއްލުން ލިބިގެން ޑެމޭޖް އެސެސްމެންޓެއް ފޮނުވާފައި ނުވާ ކަމުގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުކުރި ވިއްސާރައިގައި މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާ އާ ގުޅިގެން އެސެސްމަންޓް ހަދަން ޖެހޭ ކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ ޑެމޭޖް އެސެސްމެންޓް ހަދާފައިވާ ކަމަށް ވެސް އެމްއެންޑީއޭ އިން ބުނެއެވެ.
މި މަހު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގެ އަދާހަމަ ހާމަކޮށް އެންޑީއެމްއޭއިން މިއަދު ބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، މާލޭގެ އިތުރުން އޮތޯރިޓީއަށް ރިޕޯޓްކޮށްފައި ވަނީ ނ. ހެނބަދޫ އާއި އެ އަތޮޅު ކެނދިކުޅުދޫގެ އަދި ޅ. ކުރެންދޫން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާ އާ ގުޅިގެން އެ އޮތޯރިޓީ އާއި ސިފައިންނާއި ފުލުހުން އަދި ރެޑް ކްރެސެންޓުގެ ހޮޓްލައިންތަކަށް 98 ކޯލް ލިބުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ ވެލިބަސްތާ ޖައްސައިދިނުމަށް އެދި 70 ކޯލަކާއި ގެއްލުންތައް ރިޕޯޓް ކުރުމަށް ކުރި 21 ކޯލެއްގެ އިތުރުން ސީދާ ޒަރޫރީ އެހީތެރި ކަމަށް އެދި ކުރި 7 ކޯލެކެވެ.
ފެން ވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސްގެ އެހީތެރިކަމާ އެކު 49 ތަނެއްގައި 304 ވެލިބަސްތާ ޖެހިއެވެ. އޭގެ ތެރޭގައި ގެތަކާއި ގުދަނާއި ފިހާރަ ފަދަ ތަންތަން ހިމެނެއެވެ.
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމާ ގުޅިގެން ވަގުތުން އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަ ކުރެވުނު 12 ގޭބީސީއެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާ އެކު ހެދުނު ކަމަށެވެ.
އޭގެ ތެރެއިން 8 ގޭބީސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދެވުނު ކަމަށެވެ.
"މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމަށާއި ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެ ތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން. އަދި މި އާއިލާތައް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވެފައި" - އެ އޮތޯރިޓީން ބުންޏެވެ.
ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނަ ކަމަށް ފާހަގަކުރެވެނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ކަމަށާއި މަދުމަދުން އިމާރާތުގެ ސީލިން ފަދަ ތަންތަނަށް ލިބިފައިވާ ގެއްލުން ވެސް ފާހަގަކުރެވޭ ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ފޯމުތައް ވެރިފައިކޮށް، ޕްރޮސެސް ކުރުމުގެ މަސައްކަތްކަން ވެސް އެންޑީއެމްއޭއިން ފާހާގަކުރި އެވެ.