ENGLISH

08 ޖޫން 2026

Advertisement

ކިޑްސަލް: އެލީޓް އާއި ވެލެންސިއާއަށް ބޮޑު މޮޅެއް

07 ޖޫން 2026

|

އިސްމާއިލް ޝާހު

ކިޑްސަލްގައި އެލީޓް އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިޑްސަލް 2026 ގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗުތަކުން ކުލަބު ވެލެންސިއާ އާއި އެލީޓް އެކެޑަމީން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރޫޕް އޭގައި ހިމެނޭ ވެލެންސިއާ މޮޅުވީ ސްޓަރސް އެކެޑަމީ އަތުން 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އިސްމާޢީލް އަޒްޔާން ޖަމާލް އާއި، އަލީ އާއިން އަސްގަރާއި، އަލީ އަޒީން އާދިލް އަދި އިބްރާހީމް އިޔާސް ބިން ހަސަނެވެ.

މި ގްރޫޕުގައި މިއަދު ހަވީރު ކުޅުނު މެޗުން އެލީޓް މޮޅުވީ ބީޖީ ސްޕޯޓްސް އަތުން 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެލީޓުގެ ޔޫސުފް ލުގްމާން ނަސީމު އަދި އާދު ބިން މުޙައްމަދު ނިޔާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހެދިއިރު، އަލީ ޒިހާން ޒިޔާދު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސިޒާން ސާމިރެވެ. މި މެޗުގައި ބީޖީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔޫސުފް އިޒްކާން އިމްރާނެވެ.

ކިޑްސަލްގައި ވެލެންސިއާ އާއި ސްޓަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) އާއި އެޑްވެންޗަރސް އެކެޑަމީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި އެޗްވައިއެސްސީގެ ލަނޑު ޖަހައިދިނީ އަޙްމަދު އަޔާން އަބްދުލް ސައްތާރެވެ. އެކަމަކު ޒައުލް ބިން އިބްރާހީމް ދީދީ ވަނީ އެޑްވެންޗަރސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެސްޕަޔަރ އެކެޑަމީން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބިސް ބުރު ބަލިކޮށްފައެވެ. މި މެޗުގައި އެސްޕަޔަރގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔަލްސަން ބިން ހިސާން އާއި، އަޙްމަދު ޔާލް ޝުޖާއުއެވެ. ބިސް ބުރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ޝާއިލް ސޮލާހެވެ.

ކިޑްސަލްގެ ކުޅުން ކުރިއަށްދަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.

  • ސްޓަރސް އެކެޑަމީ - ވިލިމާލެ ޔުނައިޓެޑް (16:00)
  • އެޗްވައިއެސްސީ - ނިއު ރޭޑިއަންޓް (16:00)
  • ބީޖީ ސްޕޯޓްސް - ވެލެންސިއާ (17:00)
  • ބިސް ބުރު - އެޑްވެންޗަރސް އެކެޑަމީ (17:00)
ކިޔުންތެރިންގެ ހިޔާލު