ENGLISH

08 ޖޫން 2026

Advertisement

އެމެރިކާއިން ވިސާ ނުދިނުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް އީރާން ޓީމު މެކްސިކޯއަށް

08 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާން ޓީމު މެކްސިކޯއަށް ގޮސްފި: އެއީ އެމެރިކާއިން އެ ޓީމުގެ ބައެއް މެންބަރުންނަށް ވިސާ ދިނުމާ މެދު ދެކޮޅު ހެދުމުގެ ސަބަބުން --

އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމު ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެކްސިކޯގެ ޓިއުވާނާއަށް ގޮސްފިއެވެ. 

އީރާނުން ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް، އެމެރިކާގައި ކުޅޭގޮތަށް ތާވަލުކޮށްފައިވީ ނަމަވެސް، އެ ޓީމުގެ ހުރިހާ މެންބަރުންނަށް އެމެރިކާއަށް އެތެރެވުމަށް، ވިސާ ހަމަޖައްސައި ދީފައެއް ނުވެއެވެ. އެއާއެކު އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ފަހު ވަގުތު ޓީމުގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާއިން، މެކްސިކޯއަށް ވަނީ ބަދަލުކޮށްފައެވެ. އަދި މުޅި މުބާރާތުގައި އީރާނުގެ ޓީމު މަޑުކުރާނީ މެކްސިކޯގައެވެ.

މިއީ އެމެރިކާ އާއި އީރާނާއި ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހިނގާ ކަންތައްތަކެކެވެ. 

ތުރުކީގައި ތިން ހަފުތާގެ ތަމްރީނުތަކެއް ފުރިހަމަކުރުމަށްފަހު، އީރާން ޓީމު މެކްސިކޯއަށް ދިޔައީ މެކްސިކޯގެ ގަޑިން މިއަދު ހެނދުނު 5 ޖެހިއިރުއެވެ.

ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ވިދާޅުވި ގޮތުގައި ކުޅުންތެރިންނަށް ވިސާ ދޫކުރީ ހުކުރު ދުވަހުގެރޭގައެވެ. ނަމަވެސް އީރާނުން ތުރުކީއަށް ކަނޑައަޅާފައި ހުންނަ އެމްބަސީން ބުނި ގޮތުގައި ޓީމުގެ 15 އިދާރީ މުވައްޒަފަކަށް އެމެރިކާއިން ވިސާ ދީފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެމްބަސީން ވަނީ، އެމެރިކާއިން އީރާނުގެ ޓީމާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ، ފީފާއިން އެމެރިކާ ޖަވާބުދާރީކުރުވުމަށް ގޮވާލާފައެވެ.

މި މައްސަލައިގައި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ، މެޗު އޮންނަ ދުވަހު އެކަނި އެމެރިކާއަށް ވަދެވޭ ގޮތަށް ވިސާގެ ޝަރުތުތައް ހުރި ކަމަށް، މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވުމުންނެވެ. ނަމަވެސް މިއީ ޓީމުގެ ތަރުޖަމާނު ކުރިން ދެއްކެވި ވާހަކައާ ފުށުއަރާ ކަމެކެވެ. 

މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ކުޅުންތެރިންނާއި ޓީމަށް މުހިންމު މުވައްޒަފުންނަށް ވިސާ ދޫކޮށްފައިވާނެ ކަމަށެވެ. އަދި ވިސާ ނުލިބުނު ފަރާތްތަކާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވައި، އެ އޮފިޝަލު ވިދާޅުވީ އީރާނުގެ ޓީމުގެ ނަމުގައި ނުރައްކާތެރި ފަރާތްތަކަކަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، އީރާނުގެ ބައެއް އޮފިޝަލުންނަކީ "ޓެރަރިސްޓް" ލިސްޓުގައި ހިމެނޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑާ ގުޅުން އޮންނަ ބައެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި އީރާން ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ޓީމުގެ ފުރަތަމަ މެޗުތައް އޮންނާނީ ޖޫން 15 ނިއުޒިލެންޑާ ދެކޮޅަށް އަދި 21 ގައި ބެލްޖިއަމާ ދެކޮޅަށެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލިސްގައެވެ. އަދި ގްރޫޕް ސްޓޭޖު ފަހު މެޗުގައި މިސްރާ ދެކޮޅަށް ކުޅޭނީ ޖޫން 26 ގައެވެ.

ކިޔުންތެރިންގެ ހިޔާލު