ENGLISH

08 ޖޫން 2026

Advertisement

ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރު، ފައިނަލުގެ ފަހު ޖާގަ އަފްޣާނިސްތާނަށް

07 ޖޫން 2026

|

އިސްމާއިލް ޝާހު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އެއްވަރުވުމާއެކު، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އަފްޣާނިސްތާނަށް ލިބިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު ބުރުގެ އެންމެ ކުރީގައި އޮތް ދެ ޓީމެވެ. މިރޭގެ މެޗާ ކުރިމަތިލިއިރުވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލިފައިވާއިރު، ޕާކިސްތާނުން ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އަފްޣާނިސްތާން ބަލިކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް، އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިރޭގެ ނަތީޖާއާއެކު ބަންގްލަދޭޝްއަށް ތިންވަނަ ލިބުނުއިރު، އެ ޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ދެވަނަ ހޯދި އަފްޣާނިސްތާނަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި ނިންމި ރާއްޖެއަށް ތިން މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. މި މުބާރާތް ރާއްޖެއިން ނިންމާލާފައިވަނީ މޮޅެއް ނުލިބިއެވެ.

މިރޭގެ މެޗު ރާއްޖެއިން ފަށާފައިވަނީ ހަތަރު ބަދަލަކާއެކުއެވެ. އެގޮތުން ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުޅުނުއިރު، މިއީ މި މުބާރާތުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މުބާރާތުގައި މުޅިން އަލަށް ފުލްބެކް ތޯއިފް ގާސިމް އާއި ފޯވާޑް އަބްދުالله ލޫތު އިބްރާހީމް ކުޅެން ނުކުތްއިރު، މި މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓާފައިވަނީ ހުސައިން ޝަރީފެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި މެޗުގައި ހުސައިން ގޯލު ބެލެހެއްޓި ނަމަވެސް، ދެވަނަ މެޗުގައި ޕާކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، އެ މެޗުގައި ގޯލު ބެލެހެއްޓީ މުޙައްމަދު ފައިސަލެވެ.

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

މިރޭގެ މެޗު ފަށައިގެން ހަ މިނެޓުގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ ރަނގަޅު ދެ ފުރުސަތު ތަނަވަސްކޮށްފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން އެމްޑީ މުޖީބުރް ރަހުމާން ޖޯނީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޕްރޮނޯއި އެނޯސެންޓް މަރަންޑީ ނަގައިދިން ހުރަހަކުން މުޖީބުރް ރަހުމާން ބޮލުން ފޮނުވާލި ބޯޅަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ރާއްޖޭގެ ލޫތަށް، ބަންގްލަދޭޝްގެ މަރަންޑީ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ބަންގްލަދޭޝްގެ ކެޕްޓަން އެމްޑީ މަނިކު ހޮސެއިން މޮއްލާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިިން ބޭރަށެވެ.

މި މެޗުގައި ބަންގްްލަދޭޝްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިރާޖުލް އިސްލާމެވެ. މިއީ މި މުބާރާތުގައި ބަންގްލަދޭޝްއިންވެސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ރާއްޖޭގެ ތޯއިފްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބަދަލަކަށް ކުޅެން އެރި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާއެއް ބަންގްލަދޭޝްގެ ގޯލްކީޕަރު އެމްޑީ މެހެދީ ހަސަން ސްރާބޮން ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ނުރައްކާތެރި އިތުރު ހަމަލާއެއްވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތު ބަންގްލަދޭޝްގެ ކުޅުންތެރިންގެ ރެފުރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއިރު، އެ ޓީމުގެ ދެ ކުޅުންތެރިއަށް ރެފުރީ ވަނީ ރަތް ކާޑު ދައްކާފައެވެ. އެގޮތުން ބެންޗުގައި އިން މިރާޖުލް ދަނޑަށް އެރުމާއެކު އޭނާއަށް ރަތް ކާޑެއް ދެއްކިއިރު، ރެފުރީއަށް ހަމަލާ ދިނުމާ ގުޅިގެން އަލް އަމީންއަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. 

އަދި އޭގެ ފަހުން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، މާރާމާރީ ހިންގިއިރު، ދަނޑުގައި ތިބި ސަޕޯޓަރުންވެސް ވަނީ މި މާރާމާރީގައި ބައިވެރިވެފައެވެ. އެކަމަކު ފުލުހުން ދަނޑަށް އަރައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމާއެކު، ރެފުރީ ވަނީ މެޗު ނިންމާލާފައެވެ.

މި މުބާރާތުގެ ފައިނަލަށް ޕާކިސްތާނާއި އަފްޣާނިސްތާން ދަތުރުކޮށްފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު