ENGLISH
07 ޖޫން 2026
ހިތަދޫ އުތުރު ދާއިރާ: މި ނަންބަރުތަކުން ބުނެދޭ ޙަޤީޤަތް، ތާއީދަށް ވީ ކިހިނެތް؟
07 ޖޫން 2026
|
އެންމެ މަޤްބޫލު
ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަ އިންތިޚާބެއް ބޭއްވުނީ 2008 ވަނަ އަހަރު އެވެ. އެއީ އެ އަހަރު އޮތް ރިޔާސީ އިންތިޚާބެވެ. އޭގެ ފަހުން ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިޚާބެއްގައި އެއް ޕާޓީއަށްވުރެ ގިނަ ޕާޓީތަކުން ކެންޑިޑޭޓުން ނެރެ ވާދަކުރަމުން ގެންދެ އެވެ.
އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮތީ މައިގަނޑު ދެ ފިކުރެ އެވެ. 2008 ގައި ނަމަ ޑީއާރުޕީއާ އެމްޑީޕީ އެވެ. އޭގެ ފަހުން ޕީޕީއެމްއާ އެމްޑީޕީ އެވެ. މިހާރު ޕީއެންސީއާ އެމްޑީޕީ އެވެ. ޑީއާރުޕީ އާއި ޕީޕީއެމާއި ޕީއެންސީއަކީ އެއް ފިކުރެކެވެ. އެއިން ކޮންމެ ޕާޓީއަކަށްމެ ނިސްބަތްވީ އެއް ފިކުރެއްގެ ރައްޔިތުންނެވެ. ހަމައެކަނި ތަފާތުވީ ނަމެވެ. ދެން ލީޑުކުރައްވާ ލީޑަރެވެ.
ވިސްނުމަކީ އެއް ވިސްނުމެކެވެ. އެއް ފިކުރެކެވެ. ޤައުމު ބިނާކުރުމާއި ތަރައްޤީއާ ކުރިއެރުން ހޯދުމުގެ ފިކުރެވެ. ހަރުމުދާ ނުވިއްކާ ހަރުމުދާ އުފެއްދުމުގެ ފިކުރެވެ. އެއްވެސް ޤައުމަކަށް އަޅުވެތިނުވެ ހުރިހާ ޤައުމަކާ ހަމަހަހަމަ ޚާރިޖީ ގުޅުމެއް ބޭއްވުމުގެ ފިކުރެވެ. އެންމެ ފުރަތަމަ އިސްލާމްދީނާއި ޤައުމާއި ރައްޔިތުން އިސްކުރުމުގެ ފިކުރެވެ.
އިއްޔެއާ މިއަދު އެންްމެ ބޮޑަށް އޮތް ބަހުސަކީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުން ނިކުތް ނަތީޖާއާ ގުޅޭ ބަހުސެވެ. އެއް ބައެއްގެ ނަޒަރުގައި އެމްޑީޕީގެ "ކިއްލާ" އެއްގެ ގޮތަށް އޮތް ހިތަދޫ އުތުރު ދާއިރާ އިން އެ ޕާޓީއަށް ލިބުނީ ހަނި މޮޅެކެވެ. އަނެއް ބައެއްގެ ނަޒަރުގައި ޕީއެންސީން ކުރި ހޯދި ދާއިރާއަކުން އެ ޕާޓީ "ބޮޑުކޮށް ބަލިވީ" އެވެ. އެކަމަށް ބާރުދޭން އެކި ނަންބަރުތައް ނެރެ އެ ބައެއްގެ ވިސްނުން ކުރިއަރުވަން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބަހުސްގައި މި ހުށައަޅާލަނީ ހަމަ އެންމެ ނަންބަރު ސްލައިޑެކެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގައި މިހާރުގެ ޕީއެންސީ ފިކުރަށް ވޯޓް ލިބެމުން އައި ގޮތް ދައްކައިދޭ ސްލައިޑެކެވެ. ވޯޓްގެ ޕަސެންޓޭޖް ހުރި ގޮތް ބުނެދޭ ކުރެހުމެކެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 34 އިންސައްތަ ވޯޓް ލިބުނީ ޑީއާރުޕީ އަށެވެ. އެއީ ރައީސް މައުމޫން ވާދަކުރެއްވި ފަހު ރިޔާސީ އިންތިޚާބެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑީއާރުޕީގެ ކެންޑިޑޭޓަށް ލިބުނީ ވޯޓް ލީ މީހުންގެ 26 އިންސައްތަ ވޯޓެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ދާއިރާއިން ވޯޓްލީ މީހުންގެ 29 އިންސައްތަ ވޯޓް ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް، ރައީސް ޔާމީނަށެވެ. 2014 ވަނަ އަަހަރު އޮތް މަޖިލީސް އިންތިޚާބުގައި އެ ދާއިރާއިން ޕީއެންސީގެ ކެންޑިޑޭޓް ވަނީ 47 އިންސައްތަ ވޯޓް ހޯދާފަ އެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް ލިބިވަޑައިގަތީ ވޯޓްލީ މީހުންގެ 26 އިންސައްތަ ވޯޓެވެ. އެއީ ދެވަނަ ދައުރެއް ހޯއްދެވުމަށް، ރައީސް ޔާމީން ވާދަކުރެއްވި އިންތިޚާބެވެ.
އޭގެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ހިތަދޫ އުތުރު ދާއިރާއިން ވޯޓްލީ މީހުންގެ 31 އިންސައްތަ ވޯޓް ލިބިވަޑައިގަތެވެ. އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެވެ. ދެވަނަ ބުރުގައި އެ އަދަދު 38 އިންސައްތައަށް އިތުރުވި އެވެ.
2024 ވަނަ އަަހަރުގެ މަޖިލީސް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް، ގޮނޑި ކާމިޔާބުކުރީ ވޯޓްލީ މީހުންގެ 39 އިންސައްތަ ވޯޓާ އެކު އެވެ.
ހިނގަމުންމިދާ އަހަރަކީ ވޯޓްގެ އަހަރެކެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ތިން އިންތިޚާބެއް އޮތެވެ. އެއީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓެއްގެ އިންތިޚާބެވެ.
ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރުން ޕީއެންސީއަށް ލިބުނީ 38 އިންސައްތަ ވޯޓެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓްލީ މީހުންގެ 35 އިންސައްތަ ވޯޓް ލިބުނެވެ. ފެންނަ ނުފެންނަ ވޯޓްގައި 23 އިންސައްތަ ވޯޓެވެ.
ދެން އޮތީ އިއްޔެ ނިމުނު ބައި އިލެކްޝަންގެ ނަތީޖާ އެވެ. ނަތީޖާ ދައްކާ ގޮތުން ވޯޓްލީ މީހުންގެ 49 އިންސައްތަ ވޯޓް ޕީއެންސީގެ ކެންޑިޑޭޓަށް ވަނީ ލިބިފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ދާއިރާގެ އެންމެ ގިނަ ރައްޔިތުން ވޯޓްލީ ފަހަރުވެސް މެ އެވެ.
މި ހުށައަޅައިލީ އޮޅުވާލެވެން ނެތް ޙަޤީޤަތެވެ. އިންތިޚާބުތަކުން ފެންނަން ހުރި ސާފު ނަންބަރުތަކެވެ. މި ނަންބަރުތަކުން ބުނެދޭ ޙަޤީޤަތް ސާފެވެ. އެއީ އިދިކޮޅު އެމްޑީޕީގެ "ކިއްލާ" އެއް ކަމަށް އެ ޕާޓީން ވެސް ދެކޭ އައްޑޫގެ ހިތް ކަމުގައިވާ ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީގެ ފިކުރަށް އޮތް ތާއީދު އެގޮތުގައި ދެމެހެއްޓެމުންދާ ކަމެވެ. އަދި ކިޔެއް ހެއްޔެވެ. އެ ތާއީދު އިތުރުވަމުންދާ ކަމެވެ.
އިއްޔެގެ އިންތިޚާބަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ބޭއްވި އިންތިޚާބުތަކުގައި ހިތާދޫ އުތުރު ދާއިރާއިން ޕީއެންސީ، ޕީޕީއެމް، ޑީއާރްޕީގެ ފިކުރަށް ލިބުނު ވޯޓުގެ ނިސްބަތް އެންމެ މަތީ އިންތިޚާބެވެ. ކުރީގެ ތިން ރައީސުން އެކުގައި ނިކުންނަވާ ގަދައަށް ކެމްޕެއިން ކުރައްވާ އަދި ޕީއެންސީގެ ލީޑާޝިޕާއި ދެކޮޅަށް ޙަޤީޤަތެއް ނެތް އެތައް ވާހަކަތަކެއް ދައްކާ، ފަތުރާ ހަދައިގެންވެސް ތާއީދަށް ބަދަލެއް ނުގެނެވުނެވެ. އޭގެ ބަދަލުގައި އެ ފިކުރަށް އޮތް ތާއީދު އިތުރުވެވީ މައްޗެވެ.