ENGLISH

04 ޖުލައި 2025

Advertisement

ބައްސާމުގެ މައްޗަށް އަނެއްކާވެސް އިތުރު ދަޢުވާތަކެއް

23 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމްއަށް ފޮނުވާ ފައިސާއަށް ޙިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލަށް އިތުރު ދަޢުވާތަކެއް މިއަދު އުފުލައިފިއެވެ.

ޕީޖީ އޮފީހުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ބައްސާމް، އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާތީ ހިޔާނަތްތެރިވުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ދަޢުވާ ސާބިތުވެއްޖެނަމަ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ދެވަނަ ދަޢުވާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.

ޕީޖީން ބުނެފައިވަނީ މި ދަޢުވާކުރަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށެވެ.

މަނީ ލޯންޑްރިންގެ މި ދައުވާ ސާބިތުވެއްޖެނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.

މި ދަޢުވާތަކާ ގުޅިގެން ބައެއް މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް ކޯޓުގައި ވަނީ އެދިފައިވެއެވެ.

އެއީ:

މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް.

ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް.

މި މައްސަލާގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.  އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން މި ޢަމަލުތަކުގައި ބައިވެރިވީ އެފް.އޭ.އެމްގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކުކުރުމަށްޓަކައި ޕީޖީން ދަނީ ތައްޔާރުވަމުންނެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެކެވެ. ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެކަމުގައިވެސް މިއަދު ޕީޖީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު