ENGLISH
04 ޖުލައި 2025
ގްރީން ހައުސް ގޭސް ދޫކުރާވަރު ދެނެގަތުމަށް ވެހިކަލްތަކުގައި ސިސްޓަމް ހަރުކުރަނީ
23 ޑިސެމްބަރު 2024
|
މާލެ މަގުތަކުގައި ތޮއްޖެހިގައި
ޖައްވަށް ބޭރުކުރާ ގްރީން ހައުސް ދެނެގަތުމަށް އުޅަނދުތަކުގައި ސިސްޓަމްތައް ހަރުކުރުމަށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނާޖީ އިން, ރިޓަރިވޯކްސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އަޖުވާދު މުސްތަފާއެވެ. އަދި ރިޓަރީވޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ.
މި ޕްރޮޖެކްޓަކީ " ކެޕޭސިޓީ ބިލްޑިންގ ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް" ގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު 12 އޮގަސްޓް 2024 ގައި ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އާއި ޔުނައިޓެޑް ނެޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމްގެ އެހީގައި ހިނގާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ އަމާޒަކީ ގްރީންހައުސް ގޭހުން ރައްކާތެރި އިންވެންޓްރީތައް އެކުލަވާލުމަށް ކޮންމެހެން ބޭނުންވާ ދަތުރުފަތުރާ ގުޅުންހުރި މައުލޫމާތު ހޯދުމަށް ވަރުގަދަ ނިޒާމެއް ގާއިމްކުރުމެވެ. މީގެ އިތުރުން ގްރީން ހައުސް ގޭސް އިންވެންޓްރީގެ ޞައްޙަކަމާއި އިތުބާރު ރަނގަޅުކުރުމަށްޓަކައި އޯޑޯމީޓަރުގެ ޑޭޓާ އެއްކުރުމަށް ރޯޑްވަރތީނެސް ސިސްޓަމެއް މި މަޝްރޫޢުގެ ތެރެއިން ތައާރަފްކުރާނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015 ގައި ވަނީ ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެ ވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ. ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުން ވެސް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މަޢުލޫމާތާއި، ވިހަ ގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫޢުތަކަށް ހޭދަކުރާ އަދި އިންވެސްޓުކުރާ ވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.