ENGLISH

07 ޖޫން 2026

Advertisement

"ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއިން ހާމަވީ ރައީސް މުއިއްޒަށް އޮތް އިތުބާރު"

07 ޖޫން 2026

|

އައިމިނަތު ޝަފާ

ޕީޖީ ލީޑަރު ފަލާހް. ފޮޓޯ؛ޕީއެންސީ

ނިމިދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއިން ހާމަވީ އައްޑޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރާ އިތުބާރުކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

އިއްޔެ ކުރިއަށްދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް އެ ޕާޓީން ކުރަމުން އައި ދައުވާ އިއްޔެ ބޭއްވުނު ބައި އިލެކްޝަނާ އެކު ނިމިއްޖެކަމަށެވެ.

ފަލާހުވަނީ އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފްގެ އިސް ބައެއް ބޭފުޅުންނަށް ފާޑުވިޑާޅުވެ އެ ބޭފުޅުން ތާއީދުކޮށްގެންވެސް މި ބައި-އިލެކްޝަނުގައި އިދިކޮޅު ކެންޑިޑޭޓް ބަލިވެފައިވާކަމަށް ވިދާޅުވެފައެވެ.

"އައްޑޫގައި ދިރިއުޅޭ ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!،". އައްޑޫގައި ބެހެއްޓި ފޮށިތަކުން އެމްޑީޕީގެ ކެންޑިޑޭޓަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީ ފާހަގަކޮށް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއްކަމަށެވެ.  އަދި މިކަމުން ދޭހަވަނީ ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ކަން ހާމަކުރައްވައި ފަލާހު ވަނީ 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށް ވިދާޅުވެފައެވެ.

މި އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ ސޯދިގު ކާމިޔާބު ކުރެއްވި ނަމަވެސް، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީއެންސީން ގިނަ ވޯޓު ހޯދި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ އިން ދައްކައެވެ. އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯދިގް ވަނީ އިންތިހާބުގައި 1،375 ވޯޓު ހޯއްދަވައިފައެވެ. އޭނާއާ ވާދަ ކުރެއްވި ޕީއެންސީގެ އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ އެންމެ 62 ވޯޓުގެ ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު