ENGLISH

07 ޖޫން 2026

Advertisement

ތާއިދު ދައްކުވައިދެއްވީތީ ޕީއެންސީގެ ޝުކުރު ހިތަދޫ އުތުރު ރައްޔިތުންނަށް

07 ޖޫން 2026

|

އައިމިނަތު ޝަފާ

ޕީއެންސީން އައްޑޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ކޮންގްރެސް ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވީތީ އެ ދާއިރާގެ ރައްޔިތުންނަށް ޕާޓީން ޝުކުރު އަދާކޮށްފިއެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާއަށް ފަހު ނެރުނު ބަޔާނެއްގައި އެ ޕާޓީން ވަނީ އެ ދާއިރާގެ ރައްޔިތުން ޕީއެންސީއަށް ކުރެއްވި ތާއީދަށް ޝުކުރު އަދާކޮށްފައެވެ. އިއްޔެ ކުރިއަށްގެންދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސައީދަށް ގިނަ އަދަދެއްގެ ވޯޓު ދީ އެ ޕާޓީއަށް އޮތް ތާއީދު ދައްކުވައިދިނީތީ އެ ރައްޔިތުންނަށް ޕީއެންސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޕީއެންސީން ބުނީ މި އިންތިހާބުގައި އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓާއި، މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަޣުލަބިއްޔަތު ލިބިވަޑައިގަތީ ސައީދަށްކަމަށެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށީގެ ޖުމްލަ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ސައީދަށްކަން އެ ޕާޓީން ފާހަގަކުރެއެވެ.

އައްޑޫގައި ބެހެއްޓި ވޯޓުފޮށިތަކުގެ ޖުމްލަ ވޯޓުން ޕީއެންސީ ވަނީ 34 ވޯޓުން ކުރި ހޯދައިފައެވެ.

ޕީއެންސީން މި ވޯޓުގެ ނަތީޖާއަކީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުން އައި ދަނޑިވަޅެއްގައި، އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި ހޯދުނު ކާމިޔާބެއް ކަމަށް ދެކޭކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުގައި އާއްމުކޮށްފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގަށް 1375 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯދިގަށް ކުރިލިބިވަޑައިގަތީ އެންމެ 62 ވޯޓުންނެވެ.  

މި ނަތީޖާއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ މިހާރުގެ އަދަދަކީ 74 އެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 13 އެވެ. 

މިއަދުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރިނަމަވެސް، މި ފަހުން ބޭއްވި ގިނަ އިންތިހާބުތަކުގައި ކުރި ހޯދީ ޕީއެންސީންނެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެންމެ ގިނަ ގޮނޑި އާއި މިދިޔަ ދުވަސްތަކުގައި ބޭއްވި ބައި-އިލެކްޝަންތަކުންވެސް ޕީއެންސީން ވަނީ ކުރި ހޯދައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު