ENGLISH
05 ޖުލައި 2025
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އިސްތިޢުފާ ދެއްވައިފި
23 ޑިސެމްބަރު 2024
|
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު: އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވައިފައި.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.
އިސްތިޢުފާ ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަށް ފޮނުއްވި ސިޓީ މުޢާޒު ވަނީ އެކްސްގައި އާންމު ކުރައްވާފައެވެ.
މުޢާޒު އިސްތިޢުފާ ދެއްވީ ފެނަކަ ހިންގެވުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީން ހިންގުން ބައްޓަންކުރަންޖެހޭ ތަންތަން ކަމަށްވީ ނަމަވެސް، ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މުޢާޒު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހާއި އަޅާބަލާއިރު، މި އަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް ހިންގުމުގެ ޚަރަދުން 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ސަލާމަތް ކުރެވިފައިވާ ކަމަށް މުޢާޒުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މުޢާޒު ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން ކުންފުނި އޮތް ހާލަތުން ސަލާމަތެއް ނުކުރެވޭނެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. މި ސަރުކާރުން ފެނަކައާ ހަވާލުވީއިރު އޮތް 4.3 ބިލިއަން ރުފިޔާގެ ދަރަނިން ބިލިއަނެއްހާ ރުފިޔާ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އަދާކޮށްފައެވެ.