ENGLISH
14 ޖޫން 2026
ފުރަތަމަ މެޗުން ލިބުނު ކާމިޔާބީއާއެކު ޕްރެޝަރު ކުޑަވެއްޖެ: ކްލާކް
14 ޖޫން 2026
|
ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ހައިޓީ އަތުން 1-0 އިން ސްކޮޓްލޭންޑް މޮޅުވުމަކީ، 1982 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުން އެ ގައުމަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ. މި މޮޅާއެކު ކުރިއަށް ހުރި މެޗުތަކަށް ކުރިމަތިލާއިރު ޕްރެޝަރު ކުޑަވެއްޖެ ކަމަށް ސްކޮޓްލޭންޑްގެ ކޯޗު ސްޓީވް ކްލާކް ބުނެފިއެވެ.
މީގެ ކުރިން ކުޅުނު ޔޫރޯގެ ދެ މުބާރާތުގައި ވެސް ސްކޮޓްލޭންޑަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އަދި ބްރެޒިލް ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން އޮތުމުން، ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުއްމީދު ދެމެހެއްޓުމަށްޓަކައި ހައިޓީ ބަލިކުރުމަކީ އެ ޓީމަށް ކޮންމެހެން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކްލާކް ބުނީ، ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނޭ ޓީމުތަކާ ދެކޮޅަށް ކުޅެން އޮތް ދެ މެޗަކީ ވަރަށް އުނދަގޫވާނެ މެޗުތަކެއް ކަމަށެވެ.
ކްލާކްގެ ވާހަކައިގައި ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ހައިޓީއާ ދެކޮޅަށް ކުރިމަތިލިއިރު ވަރަށް ބޮޑު ޕްރެޝަރެއް އޮތްނަމަވެސް، އެ މެޗުން މޮޅުވުމާއެކު އެ ޕްރެޝަރު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ފާހަގަކުރިއެވެ.
މެޗުގައި ލަނޑުޖެހުމަށްފަހު ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
"މި މެޗުގައި ދެއްކި ފަދަ ރަނގަޅު ޑިފެންސިވް ކުޅުމާއި، ހިތްވަރާއެކު ކުރިއަށް ހުރި މެޗުތަކުގައި ވެސް ބޯޅަ ހިފަހައްޓައިގެން ކުޅުން މިއަށްވުރެ ރަނގަޅުކޮށް އިތުރު ފުރުސަތުތައް ތަނަވަސްކުރެވިއްޖެ ނަމަ، ނަތީޖާ ރަނގަޅުވާނެ،" ކްލާކް ބުންޏެވެ.
މީގެ ކުރީގެ މުބާރާތްތަކުގައި ސްކޮޓްލޭންޑަށް ދިމާވި ހަމައެކަނި މައްސަލައަކީ ފުރަތަމަ މެޗުން ބަލިވުމެއް ނޫނެވެ. ހޮނިހިރު ދުވަހު ހޯދި މި ކާމިޔާބީއަކީ ވޯލްޑް ކަޕްގައި މިހާތަނަށް އެ ގައުމުން ކުޅުނު 24 މެޗުގެ ތެރެއިން ލިބުނު ފަސްވަނަ މޮޅެވެ. މިކަމާ ގުޅޭގޮތުން ކްލާކް ބުނީ، މިއީ ސްކޮޓްލޭންޑް ފަދަ ގައުމަކަށް ވޯލްޑް ކަޕެއްގައި މެޗުތަކުން މޮޅުވުމަކީ ކިހާ އުނދަގޫ ކަމެއްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ކްލާކް ބުނީ، ބައެއް ފަހަރު އަމިއްލަ ނަފުސު ވެސް ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހޭ ގޮތަށް އޭނާ އަށް ކަންތައް ކުރެވޭ ކަމަށެވެ.
"ނަމަވެސް މިފަދަ ކުޅުންތެރިންތަކަކަށް އިރުޝާދުދޭން ހުންނައިރު، ތިމާއަށް ލިބިފައިވާ ކުޅުންތެރިންގެ އަގުވަޒަންކުރަން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން. މި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާމެދު އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވަން،" ކްލާކް ބުންޏެވެ.
ހައިޓީއާ ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
ކްލާކްގެ ވާހަކަ ނިންމާލަމުން ބުނީ، މީގެ ކުރިން ދުވަހަކުވެސް އޭނާ އަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށާއި، ސްކޮޓްލެންޑާއެކު އެ މުބާރާތަށް އައުމަށް 62 އަހަރު ވަންދެން އިންތިޒާރުކުރިއިރު، މިއީ ފުޓްބޯޅައިގައި ހޭދަކުރީ 44 އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ އެންމެ ބޭނުންވި ކަންތައް ކަމަށެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ސްކޮޓްލެންޑަށް ކާމިޔާބުކޮށްދިނީ އެސްޓަން ވިލާގެ މިޑްފީލްޑަރު، ސްކޮޓް މެކްގިން އެވެ. އޭނާ މި ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މި މޮޅާއެކު ސްކޮޓްލެންޑް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ސީ ގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުން ނިމުނީ ބްރެޒިލާއި މޮރޮކޯ އެއްވަރުވެގެންނެވެ.
މުބާރާތުގައި ސްކޮޓްލެންޑް ދެން ކުޅޭ މެޗުގައި ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލާ ދެކޮޅަށެވެ.