ENGLISH
14 ޖޫން 2026
ނަތީޖާއާ މެދު މާޔޫސެއް ނުވޭ، އެކަމަކު ހިތްހަމަޖެހިގެނެއްވެސް ނޫން މިހުރީ: އަންޗެލޮޓީ
14 ޖޫން 2026
|
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި މޮރޮކޯއާ އެއްވަރުވި ނަމަވެސް، ނަތީޖާއާ މެދު މާޔޫސް ނުވާ ކަމަށާއި، އެކަމަކު އޭނާ ހުރީ ހިތްހަމަޖެހިގެނެއްވެސް ނޫން ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އަންޗެލޮޓީ މިހެން ބުނީ، މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
މުބާރާތުގެ ގްރޫޕް ސީ ގައި މޮރޮކޯއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވުމުން، ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނީ، އޭނާގެ ޓީމުގެ ކުޅުން މިއަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ބެލެންސް ގެއްލި، ކުޅުންތެރިންގެ މެދުގައި ނުތަނަވަސްކަމެއް އޮތްކަން އޭނާ ފާހަގަކުރިއެވެ.
"އަހަރެމެންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު. އެހެންވެ، ގިނަ ބޯޅަތަކެއް ގެއްލިގެންދިޔަ. މިކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް އަހަރެން ދެކެން،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ފާހަގަކުރި ގޮތުގައި، ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު އޭނާގެ ޓީމުގެ ކުޅުން ރަނގަޅުވި ނަމަވެސް، އޯގަނައިޒްކޮށް ފެނުނު މޮރޮކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ބްރެޒިލްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އަންޗެލޮޓީގެ ވާހަކަ ނިންމާލަމުން ބުނީ، ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ކަން ހިނގާގޮތަކުން މުބާރާތެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
މި މުބާރާތުގައި ބްރެޒިލަށް ދެން އޮތީ މި މަހުގެ 20 ވަނަ ދުވަހު ހައިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އެ ދުވަހު ފަތިހު 5:30 ގައެވެ.