ENGLISH
14 ޖޫން 2026
އޮސްޓްރޭލިއާ އަތުން ބަލިވެ، ތުރުކީގެ އެނބުރި އައުން އުފާވެރިއެއް ނުވި
14 ޖޫން 2026
|
ތުރުކީ ކޮޅަށް ލަނޑުޖެހުމަށްފަހު އޮސްޓްރޭލިއާގެ އިރަންކުންޑާ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
24 އަހަރަށްފަހު ފީފާ ވޯލްޑް ކަޕަށް އެނބުރި އައި މެޗުގައި ގްރޫޕް ޑީގައި އޮސްޓްރޭލިއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ތުރުކީގެ އުއްމީދުތަކަށް ހުރަސް އެޅިއްޖެއެވެ.
މި ނަތީޖާއާއެކު އޮސްޓްރޭލިއާ މިހާރު އޮތީ އެމެރިކާގެ ފަހަތުން ގްރޫޕް ޑީގެ ދެވަނައިގައެވެ. މި ދެ ޓީމަށްވެސް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެމެރިކާއަށް ކުރިލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
އޮސްޓްރޭލިއާއިން މި މެޗަށް ނިކުތީ ތަޖުރިބާކާރު ގޯލްކީޕަރު އަދި ކެޕްޓަން، މެޓް ރަޔާންގެ ބަދަލުގައި ޒުވާން ގޯލްކީޕަރު ޕެޓްރިކް ބީޗް، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ކެނަޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ލީޑު ނެގީ 27 ވަނަ މިނެޓުގައި ނެސްޓޯރީ އިރަންކުންޑާ ވައްދާލި ލަނޑުންނެވެ. މިއީ ތުރުކީގެ އާޑާ ގުލާ ފޮނުވާލި ހަމަލާއެއް ހުއްޓުވުމަށްފަހު އޮސްޓްރޭލިއާގެ ކީޕަރު، ބީޗް އަވަހަށް ކުރިއަށް ކުޅުނު ބޯޅައެއްގައި ކައުންޓައެޓޭކުގައި ކާމިޔާބުކުރި ގޯލެކެވެ.
މެޗުގައި ތަޖުރިބާކާރު ކީޕަރު، ރަޔާންގެ ބަދަލުގައި ޒުވާން ކީޕަރު، ބީޗް އަށް ފުރުސަތު ދިނުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނުއިރު، އޭނާ ވަނީ މުޅި މެޗުގައިވެސް ތުރުކީގެ އެޓޭކުތައް ހުއްޓުވުމުގައި ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އެގޮތުން، ތުރުކީގެ އަބްދުލްކަރީމް ބަރްދަކްޗު ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑީގައި ޖައްސައި ބޭރުކޮށްލުމާއި، ގުލާ ފޮނުވާލި ހިލޭ ޖެހުން ވެސް ބީޗް ވަނީ ސަލާމަތްކޮށްފައެވެ.
މެޗުގައި އޮސްޓްރޭލިއާ އިން ޖެހި ދެވަނަ ލަނޑު، 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮނާ މެޓްކާފް އެވެ. މިއީ ތުރުކީގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު، ހިފައިގެންގޮސް އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި އޮސްޓްރޭލިއާ ދެން ކުޅޭ މެޗުގައި ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. ތުރުކީ އަށް ދެން އޮތީ ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ.