ENGLISH
06 ޖޫން 2026
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ހޯމަ ދުވަހު ފަށަނީ
06 ޖޫން 2026
|
ރީޖަން ލީގުގައި ކ. ހުރާ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: ހުރާ ކޮމިއުނިޓީ ކުލަބު
އެންމެ މަޤްބޫލު
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރު އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
މި ފަހަރުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ހުރާ އާއި ގްރީން ސްޓްރީޓްސްއެވެ. އަދި އެރޭ ކުޅޭ މެޗުގައި ގައްދޫ ނުކުންނާނީ ދިއްދުއާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހުގެރޭ ބިސް ބުރު ސްޕޯޓްސް ކުލަބުން ޓީސީ ސްޕޯޓްސް ކުލަބާ ވާދަކުރާނެއެވެ.
މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮލިފިކޭޝަން މެޗުތައް ކުރިއަށްދާނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.