ENGLISH

06 ޖޫން 2026

Advertisement

ތަރުޖަމާނުގެ ރައްދު ރައީސް ޔާމީނަށް؛ އަޅުގަނޑުމެން އުންމީދު ކަނޑައެއްނުލަން، ލޮލުގެ ބޮނޑި ތަޅުވައިލުމަކީ ކާމިޔާބެއް

06 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު

ފިޗުން ދިވެހިރާއްޖޭގެ ކްރެޑިޓު ރޭޓިން މަތިކުރުމަކީ އުންމީދު ކަނޑާލާފައި އޮތް ބަލިމީހަކު ލޮލުގެ ބޮނޑި ތަޅުވައިލުންފަދަ ކަމެއްކަމަށް ކުރީގެ ރައީސްް އަބްދުﷲ ޔާމީން ސިފަކުރައްވައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން މި ސަރުކާރުން އެއްވެސް އިރެއްގައި ރާއްޖޭގެ އިގުތިސާދާމެދު އުންމީދު ކަނޑައިނުލާކަމަަށާއި، ގައުމު އޮތް ހާލަތަށް ބަލާއިރު ބޮނޑި ތަޅުވައިލުމަކީވެސް ލިބުނު ކާމިޔާބެއްކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ. 

ހަފުތާއަކު އެއް ދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެވާހަކަފުޅާ ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ އިގުތިސާދު އޮތީ ގައުމަށް ލިބޭ ކާމިޔާބުތައް އިހުތިފާލުކުރުމަށް މާގިނައިން ހަވާވެސް އަރުވައިލެވޭ ހާލަތުގައި ނޫން ކަމަށެވެ. 

ފިޗުގެ ރޭޓިންއަށް އައި ބަދަލު މުހިއްމުވާ ސަބަބުތަކަށް އަލިއަޅުވައިލައްވަމުން މުންދު ވިދާޅުވީ އެ ބަދަލުން ދައްކުވައިދެނީ ރާއްޖޭގެ މާލީ ހާލަތާމެދު ރާއްޖޭގެ ތަރައްގީގެ ބައިވެރިން ގެންގުޅޭ ވިސްނުން ރަނގަޅުވުން ކަމަށެވެ. 

ބައެއް ބޭފުޅުން ދިވެހިރާއްޖެ ބަނގުރޫޓުވާނެކަމަށް ވިދާޅުވާ މިންވަރަށް އިޝާރާތްކުރައްވަމުން މުންދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވޭތޯ ދުއާކުރައްވައި ނަދުރުވިދާޅުވާ ބޭފުޅުން ތިއްބެވިހެން ހީވާ ކަމަށެވެ. އެގޮތުން އަބަދުވެސް ޖެހިގެންއައި ހަފުތާގައި ފައިސާ ނުދެއްކި ބަނގުރޫޓުވާނެކަމުގެ ރަނގަބީލު ޖައްސަވައި އެފަދަ ނެރޭޓިވްއެއް އެބޭފުޅުން އުފެއްދެވިކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ ރާއްޖެ ބަނގުރޫޓުވެއްޖެއްޔާ ގެއްލުންވަނީ އަޅުގަނޑު ހިތަށްއަރާ މިއަދުގެ ސަރުކާރަށް އެކަނި ބާވައޭ އަދި ވެރިކަމަށް ވަޑައިގަންނަވަން ކެތް މަދުވެފައި ތިއްބަވާ ބޭފުޅުން ދެން ހަވާލުވާނީ ކޯއްޗަކާބާއޭ އެފަދަ ހާލަތެއް ދިމާވެއްޖެއްޔާ؟،" މުންދު ވިދާޅުވިއެވެ. 

ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންއައީ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް ދައްކަން ހުރި ދަރަނިތައް ދެއްކުމަށެވެ. ނަތީޖާއެއްގެ ގޮތުން ފަސްކުރެވެން ހުރި ދަރަނިތައް ފަސްކުރުމަށްފަހު، ކޮންމެހެން ދައްކަންޖެހުނު ދަރަނިތައް ދައްކައި، ބިލިއަނެއްހައި ޑޮލަރުގެ ދަރަނި މިހާރު ދައްކައި ހަލާސްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ފިޗުގެ ނިންމުމުން ފެނުނީ މި ސަރުކާރުން ދަރަނި މެނޭޖުކޮށް ދަރަނި އަދާކުރީ ޒިންމާދާރުކަމާއެކު، ދުރުވިސްނުމެއްގެ ތެރެއިންކަން އެ އެޖެންސީން ބަލައިގަނެފައިވުންކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

މުންދު ވިދާޅުވީ މިއީ ހަމައެކަނި ދިވެހިންނަށް ނުވަތަ ރާއްޖެއަށް ލިބުނު ހިތްހަމަޖެހުމެއް ނޫންކަމަށެވެ. ދިވެހިންގެ އިތުރަށް ރާއްޖެއަށް އިންވެސްޓުކުރަން ތިބި ފަރާތްތަކާއި ރާއްޖެއަށް ތަރައްގީގެ ކަންކަމުގައި އެހީތެރިވެދޭން ތިބި ބައިވެރިންނަށްވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާކަމަށް މުންދު ވިދާޅުވިއެވެ. 

ފިޗުގެ ރޭޓިންއަކީ ހަވާއަރުވަންޖެހޭ ވަރުގެ ކަމެއްނޫންކަމަށް ވިދާޅުވެ ބޭފުޅަކު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ ފިޗުގެ ރޭޓިން އިތުރަށްވެސް ރަނގަޅުކުރެވި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އަންނަ އިންވެސްޓުމެންޓު އިތުރުވެ، އެހީތެރިކަން ދޭ ފަރާތްތަކުން ދޭ އެހީގެ ތެރެއިން ރައްޔިތުންގެ ދިރުއުޅުމަށް މިހާރަށްވުރެ ރަނގަޅު ގޮތްތައް ހަމަޖެހޭ ދުވަހަކުން ހަވާވެސް އަރުވާނެ ކަމަށެވެ. 

ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ ބަޔަކު އުންމީދުކަނޑައިލި ނަމަވެސް މިއަދުގެ ސަރުކާރުން ރާއްޖެއާމެދު އެއްވެސްއިރެއްގައި އުންމީދު ކަނޑައިނުލާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރީ ބޭސްދީ އިންޖެކްޝަން ޖަހައިގެން ހާލަތު ރަނގަޅުކުރެވޭތޯ ކަމަށެވެ. އެއާއެކު ތަރުޖަމާނު ވިދާޅުވީ ލޮލުގެ ބޮނޑު ތަޅުވައިލުމަކީވެސް ކާމިޔާބެއް ކަމަށެވެ. 

"ބޮނޑި ތަޅުވައިލުން އެއީ ކުރިއެރުމެކޭ. ބޮނޑި ތަޅުވައިލުން އިނގިލި ތަޅުވައިލުމަށް ބަދަލުވެ މަޑުމަޑުން މީހާގެ ހާލަތު ރަނގަޅުވެ، ތެދުވެގެން ޑިސްޗާޖުވެގެން އަނބުރާ ގެއަށްދާ ދުވަހަކުން ވަރަށް އުފާވާނެ، އެއީ އަޅުގަނޑުމެން ހަވާއަރުވާނެ ދުވަހަކީ،" މުންދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު