ENGLISH

06 ޖޫން 2026

Advertisement

ކިންގްސް ކަޕް: އެސްޓީއޯ އާއި ކޯރާ ކޯރާއަށް ގްރޫޕުގެ އެއްވަނަ

06 ޖޫން 2026

|

އިސްމާއިލް ޝާހު

ކިންގްސް ކަޕުގައި އެސްޓީއޯ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި ކޯރާ ކޯރާ މޯލްޑިވްސްއިން ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ އެސްޓީއޯއިން ހޯދީ ރޭ ކުޅުނު މެޗުގައި ކުލަބު ހޯކްސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިމްރާނެވެ.

މި ގްެރޫޕުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ވަނީ 4-3 ގެ ނަތީޖާއަކުން ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އަތުން މޮޅުވެފައެވެ. މި މެޗުގައި އާރްއާރްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖަހައިދިން އަލީ ހާފިޒް، އަޙްމަދު އަފްލާޒް އަދި މޮހްސެން މޮންތަޒޭމީއެވެ. އަދި ފިސްޑާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިއާއު، އަލީ ޝަމާލް އަބްދުالله އަދި އަބްދުالله ރަޝީދެވެ.

ރޭގެ ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ އެސްޓީއޯއިން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނަ ލިބުނު ހޯކްސްއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮތް އާރްއާރްސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި މި ގްރޫޕުގެ ފުލަށް ދިޔަ ފިސްޑާއަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއީ، ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ދެ ޓީމެވެ. އެހެންކަމުން ތިންވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގައެއް ހޯދުމަށް އާރްއާރްސީއަށް އޮތީ ހަނި ފުރުސަތެކެވެ.

ކިންގްސް ކަޕުގައި ކޯރާ ކޯރާ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ކޯރާ ކޯރާ އާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި މި ގްރޫޕުގެ އަނެއް މެޗުގައި ކޮންރެޑުން ވަނީ 4-1 ގެ ނަތީޖާއަކުން  ކުލަބު ބިނާރާ ބަލިކޮށްފައެވެ. މި މެޗުގައި ކޮންރެޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި މުޙައްމަދު ޝަނާއު ނަސީރާއި، ހުސައިން ޝިފާހެވެ. އަދި ބިނާރާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހީމް އަރުޝާން ނަޝާދެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނަ ލިބުނީ ހަތް ޕޮއިންޓް ހަމަކުރި ކޯރާ ކޯރާއަށެވެ. ދެވަނައަށް ދިޔަ ކޮންރެޑަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ ސްޓެލްކޯއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެއާއެކު ސްޓެލްކޯއަށްވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ. މި ގްރޫޕުގެ ފުލަށްދިޔަ ބިނާރާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ކިންގްސް ކަޕުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗުތަކެވެ.

  • އެއިޓީފޯ އެފްސީ - އުތީމު އެފްސީ (20:30)
  • ޓީމު އެޗްޕީއެސްއެން - ކުލަބު އެމްޓީސީސީ (20:30)
ކިޔުންތެރިންގެ ހިޔާލު