ENGLISH
06 ޖޫން 2026
ހައްޖުވެރިންގެ މެދުގައި ރޯގާ އިތުރު، ސަމާލުވުމަށް އިލްތިމާސްކޮށްފި
06 ޖޫން 2026
|
އެންމެ މަޤްބޫލު
ހައްޖުވެރިންގެ މެދުގައި ރޯގާ އިތުރުވެފައިވާތީ ބަލީގެ އަލާމާތްތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު، ސަނާ ސަލީމް ވިދާޅުވީ މިއަހަރު ފެށުނީންސުރެ ތަފާތު ބަލިތައް އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން ހުސްވި ޑިސެމްބަރުމަހުގެ ފަހުކޮޅުން ފެށިގެން ޖަނަވަރީމަހުގެ ކުރީކޮޅާ ހަމައަށް ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާކަމަށާއި، ޑެންގީ ހުމާއެކު އެހެނިހެން ތަފާތު ރޯގާތައް ވެސް މިއަހަރު އިތުރުވެފައިވާކަމަށެވެ.
މިދުވަސްވަރަކީ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްވަރުކަމަށްވާތީ ގިނަ ބަޔަކު އެއްވެ އުޅޭ ތަނެއްގައި އުޅުމަށްފަހު އަންނައިރު ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތްނަމަވެސް 14 ދުވަހުގެ މުއްދަތަކަށް ސިއްހީ ހާލަތު މޮނިޓާ ކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.
"އަލާމާތެއް ނެތި މިހެން އައިސް ހުންނަ އިރުވެސް އެހާ ގިނަ ބައެއްގެ ތެރޭގައި އުޅެފަ އައީމަ ކޮންމެވެސް ވަރަކަށް ރަނގަޅު މޮނިޓާ ކޮށްލުން، އެހެންވީމަ ގާތްގަނޑަކަށް އަންނަތާ 14 ދުވަސް ވަންދެން ބަލަންވާނެ އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް އަންނަތޯ؟،". ސަނާ ވިދާޅުވިއެވެ.
ސަނާ ވިދާޅުވީ އެޗްޕީއޭއިން ހައްޖާޖީންގެ މެޑިކަލް ޓީމާވެސް މަޝްވަރާކުރަމުން އަންނަކަމަށާއި އެގޮތުން ހައްޖުވެރިންގެ މެދުގައި ބަލި އޮތް މިންވަރު ބަލަމުން އަންނަކަމަށެވެ. ހައްޖުވެރިންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރައްވައި އެ އުމުރުފުރާގައި ބަލި ޖެހުމުން ހާލު ގޯސްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަނާ ވިދާޅުވިއެވެ.
"އެ މީހުންގެ ތެރޭގައި އެބައޮތް ރޯގާ ވަރަށް ގަދަޔަށް، އެހެންވީމަ އަންނައިރު އެއާޕޯޓުން އައިސް އަދި ޓެކްސީގައި ގެޔަށް ދިޔުން، ވަރަށް ގިނަ މީހުންނަށް އެކްސްޕޯސްވެގެން ދަނީ، އެހެންވީމަ އެކްސްޕޯޝާ ރޫޓް ވީހާވެސް ކުޑަކޮށްލެވޭނެ މެކޭނިޒަމްއަކަށް ބަލަންވީ،". ސަނާ ވިދާޅުވިއެވެ.
ހައްޖުވެރިން ގެޔަށް ދިޔުމަށް ފަހު ހާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ސަނާ އިލްތިމާސްކުރެއްވިއެވެ.
މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ ރޭގެ ވަގުތެއްގައެވެ.
ޙައްޖުވެރީން ރާއްޖެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ދެން އަންނާނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހު އެވެ.