ENGLISH

06 ޖޫން 2026

Advertisement

ރައީސްގެ ހާއްސަ އަމާޒެއް؛ ދެ އަހަރު ތެރޭ ހުރިހާ ރަށެއްގައި ފުރިހަމަ ވަސީލަތްތަކާއެކު ކުނިކޮށި ގާއިމުކުރުން

06 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޒަމާނީ ވަސީލަތްތަކާއެކު ކުނިކޮށިތައް ގާއިމުކުރައްވައި، ރަށްރަށުގެ ކުނިބުނި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ ވިންދާ ގުޅުންހުރި އެކި ކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ރައީސްގެ ވިސްނުންފުޅު ހިއްސާކުރެއްވުމަށް ފެއްޓެވި ސިލްސިލާ ޕޮޑްކާސްޓު "ދަ ޕަލްސް"ގެ ފުރަތަމަ އެޕިސޯޑުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ރައީސް އެކަމުގައި ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައިވެއެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ތިމާވެއްޓާ ލާމެހިގެންދާ ގޮތަށް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދަވަން ގަސްތުކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްރަށުގެ މަލަމަތި ފެހިކުރުމަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމާއި، އިއާދަކުރަނަވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމުގެ މަޝްރޫއުތައް ފާހަގަކުރެއްވިއެވެ. 

ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި އުފެދޭ ކުނި ބަލަހައްޓައި މެނޭޖުކުރާނެ ހަރުދަނާ ނިޒާމުތައް ގާއިމުކުރުމާއި، ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް މޫސުމީ ބަދަލަަށް ހޭނޭނެ ގޮތަށް ތަރައްގީކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްޕުޅުގެ ތެރެއިން ޒަމާނީ ކުނިކޮށިތައް ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތާއި ރަށްރަށުގެ ގޮނޑިދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމަވަން އަމާޒުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި އޭގެ އިތުރަށް ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ތަރައްގީއަށްޓަކައި ކޮންމެހެން ހިންގަންޖެހޭ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަޝްރޫއުތައް ހިންގަވަނީ ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށެވެ. މިސާލެއްގެ ގޮތުން ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކަވާއިރު، މުރަކަ އާލާކުރުމާއި އިންދުމުގެ ހާއްސަ ބޮޑު މަޝްރޫއެއް ހިންގަވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ތިމާވެށީގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ވަށާޖެހޭ ގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް ކުރާ އަސަރުތައް ކުޑަކުރުމަށް، އެންވެރިކަން އިއާދަކުރެވޭނެ ޕްރޮގުރާމުތަކެއް ހިންގެވުމަކީވެސް ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު