ENGLISH
06 ޖޫން 2026
"ދައުލަތުގެ އާމްދަނީ ވަނީ އުފުލިފައި، ރޭޓިން ދަށްވުމަކީ ނާދިރުކަމެއް"
06 ޖޫން 2026
|
ފިޗް ރޭޓިންސް.
އެންމެ މަޤްބޫލު
ދައުލަތުގެ އާއްމުދަނީ އިތުރުވެ ރާއްޖޭގެ އިގްތިސާދީ ދުވެލި އޮތީ ރަނގަޅު މިސްރާބެއްގައިކަން ފާހަގަކުރައްވައި ކުރިއަތްއޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަކީ ނާދިރުކަމެއްކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗް ރޭޓިންސްއިން ވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ދަރަޖައިން "ސީސީސީ-"ގެ ގިންތިއަށް މަތިކޮށްފައެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ފިޗުގެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ޒިންމާތައް އަދާނުކުރެވިދާނެކަމުގެ ހިރާސް ކުޑަކަން ފާހަގަކޮށްފައިވާކަމަށެވެ. ކްރެޑިޓް ރޭޓިންއަށް ލިބުނު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ކަމަށް ސާއިދު ވިދާޅުވިއެވެ. ސަބަބަކީ ދައުލަތުގެ އާއްމުދަނީ އުފުލި ހަރަދުތައް ކޮންޓްރޯލްކުރުމުގެ މަގު ފަހިވެފައިއޮތުންކަން ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ އާއްމުދަނީ އިތުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ބޭރުފައިސާއާ ބެހޭ ގަވާއިދުތަކަށް މިފަހުން މި ގެނައި ބަދަލުތައް ސާއިދު ފާހަގަކުރެއްވިއެވެ.
"މި ރޭޓިންގަ އެބޭފުޅުން މި ފާހަގަކުރައްވަނީ ކުރިއަށްއޮތްތާގައި ރޭޓިން ދަށް ކުރެވޭނީ ހަމައެކަނި ދަރަނި އަދާކުރުމުގައި ތާށިތަކެއް އަންނަ ކަމުގައިވާނަމަ، ނުވަތަ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ދައްޗެއް ވާނަމަ، އެކަމު އެފަދަ ހާލަތެއް ދެންއައުން އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ކުރު ރާސްތާގައި ފެންނަނީ ވަރަށް ނާދިރުކަމެއްގެ ގޮތުގައި. އެއީ ދައުލަތުގެ އާމްދަނީ ވަަނީ އުފުލިފައި،". ސާއިދު ވިދާޅުވިއެވެ.
މިއަހަރަކީ ދުނިޔޭގެ އިގްތިސާދަށް ލޮޅުންތަކެއް އައި އަހަރެއް ނަމަވެސް މާލީ ވުޒާރާގެ އެސެސްމެންޓްތަކުންވެސް ރާއްޖޭގެ އިގްތިސާދު މެދުރާސްތާގައި ވަރުގަދަކޮށް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ސާއިދު ވިދާޅުވިއެވެ.
މިއަދު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލުމަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ކާމިޔާބުކަމާއެކު ދެއްކުމާއެކު، ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ނުވަތަ ހިރާސް ކުޑަވެފައިވާތީކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ސުކޫކުގެ ދަރަނި އެކީ ދައްކައި ހަލާސްކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފިޗްއިން ފާހަގަކުރެއެވެ. އެގޮތުން އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ފިޗުން ބުނެފައިވެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގ އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ.
ފިޗްއިން ފާހަގަކުރި ގޮތުގައި ސުކޫކުގެ ބޮޑު ދަރަނިން މިންޖުވުމާއެކު ރާއްޖެއިން ދައްކަންހުރި ބޭރުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެފައި އޮތުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލިބޭ މާލީ އެހީތައް އިތުރުވުމަކީ ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަންކަމެވެ.