ENGLISH

06 ޖޫން 2026

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި

06 ޖޫން 2026

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: ހަތާވީސް

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިއްޖެއެވެ. 

މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ހެނދުނު 8:00 ގައި ފެށުނުއިރު، މިއިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 16:00އާ ހަމައަށެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ އައްޑޫގައި ހިތަދޫ ސްކޫލުގައި ބަހައްޓާފައި ހުރި ފަސް ފޮއްޓާއި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓެވެ. 

އިންތިހާބުގައި ޖުމްލަ 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބުގައި ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ މެންބަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި އެމްޑީޕީގެ ކެންޑިޑޭޓު އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ. 

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުކަމަށް ކުރިން އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި އޭނަގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާކަމަށް ނިންމުމާ ގުޅިގެންނެވެ. 

ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ސައީދަށް އެ ޕާޓީގެ ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީގައި ސައީދުގެ މައްޗަށް ކުރިހޯއްދެވި ސިނާނު ޓިކެޓު ދޫކުރެއްވުމުންނެވެ. ސައީދަށް ޓިކެޓު ދިނުމަށް ޕާޓީން ނިންމުމުން އޭނާއަށް ތާއީދުކުރައްވައި ސައީދުގެ ކެމްޕެއިނުގައި އެންމެ ކުރީ ސަފުގައި ސިނާނު ހަރަކާތްތެރިވެވަޑައިގަތެވެ. 

މިހާރު މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 74 މެންބަރުން ތިއްބަވައެވެ. މަޖިލީހުގައި ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު