ENGLISH

06 ޖޫން 2026

Advertisement

60 ސަޕޯޓަރަކަށް ޓިކެޓު ހިލޭ ދެވިފައިވާ ކަމަށް ފީފާއިން އެއްބަސްވެއްޖެ

06 ޖޫން 2026

|

ސުވެއިދާ ހުސެއިން

60 ސަޕޯޓަރަކަށް ވޯލްޑް ކަޕުގެ ޓިކެޓު ހިލޭ ލިބުނު ކަމަށް ފީފާއިން އެއްބަސްވި --

ފީފާ ވޯލްޑް ކަޕުގެ ޓިކެޓުގެ އަގުތައް ދަށްވުމާއި، ޓިކެޓު ލިބުމުގައި އޮޅުންބޮޅުންތަކެއް ހުރި ކަމަށް ބުނެ ފީފާއަށް ތުހުމަތުތަކެއް ކުރެވޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، 60 ސަޕޯޓަރަކަށް ވޯލްޑް ކަޕުގެ ޓިކެޓު ހިލޭ ލިބުނު ކަމަށް އެ އިދާރާއިން އެއްބަސްވެއްޖެއެވެ.

ފީފާއިން ކުރިން ބުނެފައިވަނީ ހުރިހާ ޓިކެޓެއް ވިކި ހުސްވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް އެކި ޕްލެޓްފޯމްތަކުން އެތައް ހާސް ޓިކެޓެއް ގަންނަން އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ މައްޗަށް ވަނީ ނުވިކި ހުރި ޓިކެޓުތައް "ސީޓްގީކް" ފަދަ ސައިޓުތަކަށް އަގުހެޔޮކޮށް ދޫކޮށްލާފައިވާކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި ކަންތައްތަކެއް އޮޅުވާލަމުން އަންނަކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ. މިއާއެކު ނިއު ޔޯކް އަދި ނިއު ޖާޒީގެ އެޓާނީ ޖެނެރަލުން ވަނީ ފީފާގެ ޓިކެޓު ވިއްކުމުގެ އުސޫލުތައް ރަސްމީކޮށް ތަހުގީގުކުރަން ފަށާފައެވެ. މިއީ މައުލޫމާތު ސިއްރުކޮށް، ސަޕޯޓަރުންނަށް ޓިކެޓު ގަންނަންވީ ގޮތް ނޭނގޭ ފަދަ ހާލަތަކަށް ވައްޓާލުމަށް ފީފާއިން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އެޓާނީ ޖެނެރަލުން ވަނީ ބުނެފައެވެ.

ނުއަގުގައި ޓިކެޓުތަކެއް ވިއްކިފައިވާ ކަމަށް ފީފާއިން އެއްބަސްވުމާއެކު، މިހާރު ވަނީ އަގުތައް ނުބައިކޮށް ހުރި އެ ޓިކެޓުތައް ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ ދިމާވި ސަޕޯޓަރުންނަށް، ޓިކެޓުގެ ފުރިހަމަ އަގު ދައްކައިގެން އަލުން ޓިކެޓު ގަތުމުގެ ފުރުސަތު ވަނީ ދީފައެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޫން މަހުގެ 3 ވީ ބުދަ ދުވަހު ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް މައުލޫމާތު ދެވިފައިވާނޭ ކަމަށެވެ. އެއީ ޓިކެޓު ގަތުމުގެ މަރުހަލާގައި ފައިސާ ދެއްކުމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެއްވެސް އަގަކާ ނުލައި ދޫކުރެވިފައިވާ ޓިކެޓުތަކެއްގެ މައްސަލައިގައި ކަމަށް ފީފާއިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ މައާފަށް އެދިފައެވެ.

ޓިކެޓުތަކާ ގުޅޭ މައްސަލަތައް ފާހަގަކުރާ ސޯޝަލް މީޑިއާ އެކައުންޓެއް ކަމަށްވާ "ޓިކެޓު ޓޯކް ނެޓްވޯކް" އިން ވަނީ ފީފާއިން ފޮނުވި ސިޓީއެއް އާންމުކޮށްފައެވެ. އެ ސިޓީގައިވާ ގޮތުން ޓިކެޓުތަކަށް ފައިސާ ދެއްކުމަށް އެ ފަރާތްތަކަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެކައުންޓުން ޓިކެޓުތައް އުނިކުރެވޭނެއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހެވެ.

ފީފާއިން ޓިކެޓު ވިއްކުމުގައި ބޭނުންކުރަނީ "ވޭރިއަބަލް ޕްރައިސިންގ" ނުވަތަ ބަދަލުވާ އަގުތަކުގެ އުސޫލެކެވެ. މީގެ މާނައަކީ ޓިކެޓަށް އޮންނަ ޑިމާންޑަށާއި، ލިބެން ހުރި މިންވަރަށް ބަލައި، ޓިކެޓު ވިއްކާ މަރުހަލާގެ ތެރޭގައި އަގުތަކަށް ބަދަލު ގެނައުމެވެ.

ފީފާގެ ޓިކެޓު ވިއްކުމުގެ އެންމެ ފަހު މަރުހަލާ އޭޕްރީލް މަހު ފަށާފައިވާއިރު، މެޗުތައް ފެށުމާ ހަމައަށްވެސް އިތުރު ޓިކެޓުތައް ދޫކުރަމުންދާނެ ކަމަށް އެ އިދާރާއިން ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު