ENGLISH

05 ޖުލައި 2025

Advertisement

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް ޢާންމުކޮށްފި

23 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" ނެރެދެއްވުމަށް އިސްލާމީ މަރުކަރުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޒަކާތް ހައުސް

ދިވެހި ރާއްޖޭގައި "ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އެކުލަވާލައި ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން އާންމު ކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އަސާސްތަކާއި މިންގަނޑުތަކަކީ ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޒަކާތު ޝަރީޢާ އެޑްވައިޒަރީ ކޮމެޓީން ތައްޔާރުކޮށް ދިވެހިރާއްޖޭގައި އަލަށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.

މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި އެކުލަވާލައިފައިވާ އަސާސެކެވެ.

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް"، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނެރެދެެއްވަނީ-- ފޮޓޯ/ ޒަކާތް ހައުސް  

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އަދި ޒަކާތު ހައުސްގެ ޗެއަރމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަޤްސަދު ޙާސިލްވަމުންދާ ކަމަށެވެ. އަދި އިއްޔެ އާންމުކުރެވިގެން މިދިޔަ އަސާސަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓު ކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައި ވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސައްޙަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއާއި ޤިޔާސްއާއި އިސްލާމީ ފިޤްހުގެ ޤަވާޢިދުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ އަލީގައި ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސުތަކުގެ ޤަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ޤައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން ޢަމަލުކުރަމުންދާ ފިޤްހީ އުސޫލުތަކަށް ބަލައިގެންނެވެ.

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް-- ފޮޓޯ/ ޒަކާތް ހައުސް

މި އަސާސްތަކާއި މިންގަނޑުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި:

  • ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން.
  • މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުޢީ އަސާސުތައް ބަޔާންކުރުން.
  • މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން.
  • ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް.
  • މުދަލު ޒަކާތް ދެއްކުމާ ގުޅޭ ޢާންމު އުޞޫލުތައް.
  • އަދި ޒަކާތު ބެހެނިވެރީންގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް.

މި ރަސްމިއްޔާތުގައި މި މަސައްކަތްކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު