ENGLISH

04 ޖުލައި 2025

Advertisement

އެމްޑީޕީގެ ސިޔާސަތަކީ ދީނާ ބީރައްޓެހި ސިޔާސަތެއް: އަބްދުﷲ މުޙައްމަދު

22 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި މޯލްޑިވްސް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ މުޙައްމަދު ވާހަކަދައްކަވަނީ

އެމްޑީޕީއަކީ ދީނާ ދުރު އަދި ދީނާ ބީރައްޓެހި ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި އަމީނިއްޔާ އާއި މަޖީދިއްޔާގައި އަންހެން، ފިރިހެން ވަކިކޮށް ކިޔަވައިދެމުން އަންނަނިކޮށް، އެމްޑީޕީން ވެރިކަމާއި ހަވާލުވެ ދެ ޖިންސް އެއްކޮށް ކިޔަވައިދޭ ސްކޫލްތަކަކަށް ބަދަލު ކުރި ކަމަށެވެ. މީގެ އިތުރުން އަރައްބިއްޔާ ސްކޫލާމެދު ޢަމަލުކުރި ގޮތަކީ އެންމެންނަށް ވެސް އެނގޭނެ ވާހަކަތަކެއް ކަމަށް ވެސް ޢަބްދުﷲ ވިދާޅުވިއެވެ. 

"ފުރަތަމަ އެމްޑީޕީ 2008 ގައި ވެރިކަމަށް އައިސް އެހެރީ ދައްކާފަހުރި ވާހަކަތައް. ކޮންމެހެން އަޅުގަނޑު މިއަދު އެ ވާހަކަތައް ޒިކުރު ކުރާކަށް ވެސް ބޭނުމެއް ނޫން. ހަމަ އެހެންމެ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ވެރިކަމުގައި، މިސާލަކަށް ކޮވިޑުގައި ރައްޔިތުން އަނގަމަތީ މާސްކު އަޅުވާފައި، ރައްޔިތުން ގޭގައި ބަންދުކޮށްފައި، އަތް ދޮންނަން ރައްޔިތުންނާ ހަވާލުކޮށްފައި ތިބީ. " - އަބްދުﷲ މުޙައްމަދު

ދީނާ ދުރު ކަންތައްތައްކުރުމަށް ޢިލްމުވެރިންގެ އަގު ވައްޓާލުމަކީ އެމްޑީޕީގެ ސަގާފަތެއް ކަމަށް އަބްދުﷲގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. މާޒީވެ ދިޔަ ތާރީޚަށް ބެލުމުން ވެސް ފެނިގެންދާނީ އެމްޑީޕީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ އިލްމުވެރިއެއްގެ އަގު ވައްޓާލަން މަސައްކަތްކޮށްފައި ހުރި މަންޒަރު ކަމަށް އަބްދުﷲ ވިދާޅުވިއެވެ. މިއާ ޚިލާފަށް މި ސަރުކާރުގެ ޕޯޑިއަމްތަކުގައި ޢިލްމުވެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.  

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ ބަސްމޮށުންތެރިކަމަށް ބެލި ކަމުގައިވީ ނަމަވެސް ފެނިގެންދާނީ އެމްޑީޕީއަކީ އަޚްލާގީ ގޮތުން ދަށް ޕާޓީއެއް ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން އިސްލާމްދީނުގައި ކަނޑައެޅިގެން އަނިޔާވެރިކަން މަނާކުރައްވާފައި ވަނިކޮށް، ދާދިފަހުން ވެސް ރާއްޖޭގެ ކުރީގެ ވެރިއަކާ ދޭތެރޭގައި ހިންގާފައިވާ ނޭއްގާނީ ކަންތައްތަކެއް އިޔާދަކުރުމުގެ ވިސްނުމުގައި، ނަސޭހަތެއްގެ ގޮތުގައި ނަމަވެސް ޚިޔާރުކުރީ އަނިޔާވެރިވުންކަން އަބްދުﷲ ފާހަގަކުރެއްވިއެވެ. 

"މިސާލަކަށް ބަލަމާ ހިނގާތޯ އެމްޑީޕީގެ ވެރިކަމުގައި އަޅުގަނޑުމެން ހަނދާން ނެތުނީތޯ، މިސްކިތްތައް މުޑުދާރުކުރި ވާހަކަ، މިސްކިތްތަކަށް ކުޅުޖަހާ ކުޑަކަމު ގޮސް މިސްކިތްތަކުގެ ހުރުމަތްކެނޑި ވާހަކަ އެމްޑީޕީ ވެރިކަމުގައި. ހަމައެހެންމެ އަވައްޓެރި ބައެއް ގައުމުތަކުގެ މީހުން މިތަނަށް ނުކުމެ އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކޮށް، މިތަނުގައި އެމީހުން ބަނގުރާ ބޮއެގެން މަގުމަތީގައި އުޅުނު ހާދިސާތައް އަޅުގަނޑުމެން ހަނދާން އެބަ ހުއްޓޭ، " - އަބްދުﷲ މުޙައްމަދު  

ނިމިދިޔަ ވެރިކަމުގައި މަސާޖު ޕާލާތައް ވެސް އިންތިހާއަށް އިތުރުވެ، މަސްތުވާތަކެތި ހުއްޓުވުމަށް ޓަކައި ވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް އަަބްދުﷲ ވިދާޅުވިއެވެ.   

ކިޔުންތެރިންގެ ހިޔާލު