ENGLISH
05 ޖޫން 2026
ނޯތު ހާބަރުގެ ލޮޓުތަކެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
05 ޖޫން 2026
|
މާލޭ ނޯތް ހާބަރު ސަރަހައްދު--ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
އެންމެ މަޤްބޫލު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ނޯތު ހާބަރުގައި އިމާރާތް ކޮށްފައިވާ ބައެއް ލޮޓުތައް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
އެމްޕީއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ލޮޓުތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުގެ ލޮޓު ނަންބަރު 12، 13، 14، 15، 16 އަދި 17 އެވެ. ވަކި ލޮޓަކަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެމްޕީއެލްއިން އިތުރަށް ބުނީ، މި ބިޑުގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން 11 ޖޫންގެ ހެނދުނު 11:00 ގައި އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަން އެމްޕީއެލްއިން އެދިފައިވެއެވެ.
ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އެމްޕީއެލް ހެޑް އޮފީހަށެވެ. އެމްޕީއެލް އިން ބުނީ، ހުށަހަޅާ ޕްރޮޕޯސަލްތަކާއެކު އަގު ހުށަހަޅާ ފޯމާއި މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.