ENGLISH
05 ޖޫން 2026
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ
05 ޖޫން 2026
|
އެންމެ މަޤްބޫލު
އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދާނީ އަތޮޅުތައް ވަކިންނެވެ. އެގޮތުން ޖޫން 5 އަދި 6 ގައި އޮޑިޝަން ބުރު ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ.
ޖޫން 12 އަދި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައި އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 19 އަދި 20 ޖޫންގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަން ބުރު އޮންނާނެއެވެ. އަދި 26 އަދި 27 ޖޫންގައި ލ. ފޮނަދޫ، ގއ، ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ (ހިތަދޫ) އަދި ސ. އައްޑޫ މީދޫގައި އޮޑިޝަން ބުރު ބޭއްވުމަށް ވަނީ ހަަމަޖެހިފައެވެ.
މާލެ އަތޮޅުގެ ރަށްތަކަށް ބާއްވާ އޮޑިޝަން ބުރު 3 އަދި 4 ޖުލައިގައި މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެ ސިޓީގެ އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޖުލައިން 11 ޖުލައިގެ ނިޔަލަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި މުޅި ރާއްޖެއިން 3053 ބައިވެރިންވަނީ ބައިވެރިވެފައިވެއެވެ.
އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިންނެވެ.
ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ ދެ ފެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ އެއް ފަޑިޔާރަކު މަދުވެގެން އިންނާނެއެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.