ENGLISH
05 ޖޫން 2026
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ.
މި އިންތިހާބަށް ޖުމްލަ 4154 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފައެވެ.
މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ.
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ދެކުނު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު މެދު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ކްލާސްރޫމް 1
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ކްލާސްރޫމް 2
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ މައި ދެޕާޓީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.
ދެން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ މާދަމާގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި ބައި-އިލެކްޝަނަށް ކޮމިޝަނުންވެފައިވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު "އެމްއެމްޓީވީ" އާ ހިއްސާކުރައްވަމުން ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވެފައިވަނީ ބައި އިލެކްޝަނަށް ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ބައި-އިލެކްޝަން މާދަމާ ބާއްވާއިރު، މިއަދު އިރުއޮއްސި 6:00 ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ހަމައަށް ކެމްޕެއިން ކުރުން މަނާވާނެއެވެ.