ENGLISH

05 ޖޫން 2026

Advertisement

ބީއެމްއެލްއިން ވިއްކި ޑޮލަރު ބޮޑުތަނުން އިތުރުވެއްޖެ؛ ބޭންކުން ގަތް ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ވިއްކި

05 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްއިން ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ދޫކުރި ޑޮލަރު ވަރަށް ބޮޑަށް އިތުރުވެއްޖެ

ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާއިތުވި މޭ މަހުގެ ނިޔަލަށް ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިއްކި ޑޮލަރުގެ އަދަދު ކުރީ އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެ، ބޭންކަށް ގަންނަން ލިބުނު ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ވިއްކާފައިވާކަން ހާމަކޮށްފިއެވެ. 

މީސްމީޑިޔާ މަންސަތަކުގައި ބީއެމްއެލްއިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު،ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ރާއްޖޭގައި ބޭނުންކުރާ ދިވެހިރުފިޔާ ޑެބިޓު އަދި ކްރެޑިޓު ކާޑުތަކުން ކުރި މުއާމަލާތަތްތަކަށް، 2026 ވަނަ އަހަރުގެ މޭ މަަހުގެ ނިޔަލަށް އެވެރެޖުކޮށް މަހެއްގެ މައްޗަށް 69 މިލިއަން ޑޮލަރު ބޭންކުން ވިއްކިއެވެ.

މި މުއްދަތުގައި ވިޔަފާރިތަކުން މުދާ ގަތުމަށް ބޭރަށް ފައިސާ ފޮނުވުމަށް ނުވަތަ ޓީޓީ ހެދުމަށް ދޫކުރި ޑޮލަރާއި، އާއްމު ފަރުދުންގެ ކާޑުތަކުން ކުރި މުއާމަލާތްތަކަށް ދޫކުރި ޑޮލަރާއެކު ޖުމްލަ 345 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަސްޓަމަރުންނަށް ވިއްކިއެވެ. 

ފާއިތުވި 2025 ވަނަ އަހަރަށް ބަލާއިރު މުޅި އަހަރުގައި ދޫކުރީ 566 މިލިއަން ޑޮލަރެވެ. އެވެރެޖުކޮށް މަހެއްގެ މައްޗަށް އެ އަހަރު ދޫކޮށްފައިވަނީ 47 މިލިއަން ޑޮލަރެވެ. 

ވިޔަފާރިތަކަށް މުދާ ބޭރުން ގެނައުމަށް ދޫކުރި ޑޮލަރަށް ބަލާއިރު، 2025 ވަނަ އަހަރު 12 މަސްދުވަހުގެ ތެރޭގައި ބޭންކުން ދޫކުރީ 175 މިލިއަން ޑޮލަރެވެ. އެއީ އެވެރެޖުކޮށް މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރެވެ. މި އަހަރުގެ މޭ މަހުގެ ނިޔަލަށް 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް މުދާ ބޭރުން ގެނައުމަށް ދޫކުރިއެވެ. އެއީ މަހެއްގެ މައްޗަށް އެވެރެޖުކޮށް 29 މިލިއަން ޑޮލަރުގެ ރޭޓުންނެވެ. 

ދިވެހިރުފިޔާ ޑެބިޓު އަދި ކްރެޑިޓު ކާޑުތަކުން ހިންގާފައިވާ ބޭރުފައިސާގެ މުއާމަލާތްތަކަށް 2025 ވަނަ އަހަރުގެ 12 މަސްދުވަހު ބީއެމްއެލްއިން ދޫކުރީ 390 މިލިއަން ޑޮލަރެވެ. އެއީ އެވެެރެޖުކޮށް މަހެއްގެ މައްޗަށް 33 މިލިއަން ޑޮލަރެވެ. މި އަހަރުގެ މޭ މަހުގެ ނިޔަލަށް ނުވަތަ ފަސް މަސްދުވަހުގެ މުއްދަތުގެ ތެރޭގައި 198 މިލިއަން ޑޮލަރު ކާޑުތަކުން ހިިންގާފައިވާ ބޭރުގެ މުއާމަލާތްތަކަށް ބީއެމްއެލްއިން ދޫކުރިއެވެ. އެއީ އެވެރެޖުކޮށް މަހެއްގެ މައްޗަށް 40 މިލއިަން ޑޮލަރެވެ. 

ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހި ރުފިޔާ ޑެބިޓު ކާޑާއި ކްރެޑިޓު ކާޑު ބޭނުންކޮށްގެން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 3.1 މިލިއަން މުއާމަލާތް ހިންގާފައިވެއެވެ. 

ގައުމީ ބޭންކުން ޑޮލަރު ވިއްކި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އަދި އެވެރެޖުކޮށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ ނިސްބަތް ބޮޑުތަނުން އިތުރުވިއިރު މިހާތަނަށް ބޭންކުންވަނީ ބޭންކަށް ގަންނަން ލިބުނު ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ދޫކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު